އެމްޑީޕީއާ އަލަށް ގުޅުނު މެމްބަރުންނާ އެކު އެ ޕާޓީގެ މެމްބަރުންގެ އަދަދު 81،000 އަށް ވުރެ ގިނަވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމެރީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމްޑީޕީއަށް ވަންނަން ފޯމު ހުށަހަޅައިފަ އެވެ.

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމެރީ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ އަވްޝަން ލަތީފު 'ސަން' އަށް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ޕްރައިމެރީއާ ދިމާކޮށް 33،000 އަށް ވުރެ ގިނަ މެމްބަރުން ޕާޓީއަށް ވަނުމަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

"އަލަށް ހުށަހެޅި ފޯމުތައް އެއްކޮށްލީމާ ޕާޓީގެ ރެޖިސްޓްރީގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދު 81،000 އަށް ވުރެ ގިނަވެގެން ދާނެ." އަވްޝަން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެމްޑީޕީ މެމްބަރުންގެ ރެޖިސްޓްރީ ދައްކާ ގޮތުުން 2018 ޖުލައި 31ގެ ނިޔަލަށް އެ ޕާޓީގެ ރެޖިޓްރީގައި ތިބީ 29008 މެމްބަރުންނެވެ.

އަދި އެ ތާރީހާ ހަމައަށް ޕީޕީއެމްގެ ރެޖިސްޓްރީގައި ތިބީ 48129 މެމްބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރު ދައްކާގޮތުން އަދިވެސް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީޕީއެމް އެވެ. އެހެން ނަމަވެސް އެމްޑީޕީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް އިލެކްޝަނަށް ހުށަހެޅުމުން އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ ބަދަލުވެގެން ދާނެ އެވެ.