01 Oct 2011, 16:58
އދ. މާމިގިލީގައި އެއާޕޯޓް ހެދުމުގެ ހިޔާލު އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ، ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ހުށަހެޅުއްވީ 1993 ވަނަ އަހަރެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް، ފާއިތުވި 18 އަހަރު ގާސިމާއި އޭނާގެ ޓީމުން ކުރި ބުރަ މަސައްކަތް ނިންމާލައި، މިއަދު އެތިބީ ހިނިތުންވެފަ އެވެ.
ރާއްޖޭގައި އަމިއްލަ ފަރާތަކުން ގާއިމްކުރި ފުރަތަމަ އަމިއްލަ އެއާޕޯޓު މާމިގިލީގައި ގާއިމްކޮށް، އެތަން މިވަނީ ރަސްމީކޮށް މިއަދު ހުޅުވައިފަ އެވެ. އަދި އެއާ އެކު "ފްލައި މީ"ގެ ނަމުގައި ވިލާގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ވެސް ފެށީ މިއަދެވެ.
މާމިގިލީން ޖީއެމްއާރް އިންޓަނޭޝަނަލް އެއާޕޯޓަށް "ފްލައި މީ" އިން ކުރި ފުރަތަމަ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ގާސިމް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ވިލާ އެއާޕޯޓު ހުޅުވުމުން ވަރަށް އުފާކުރައްވާ ކަމަށާއި އެއީ "ދިގު އިންތިޒާރެއްގެ ނިމުން" ކަމަށެވެ.
ސޯޅަ ފަތުރުވެރިންނާއި އަދި ގާސިމްގެ އާއިލީ ބޭފުޅުންނާ އެކު ފްލައިމީގެ ފުރަތަމަ ފްލައިޓް ޖީއެމްއާރު އެއާޕޯޓުގައި ޖެއްސީ މިއަދު ހެނދުނު 7:30 ގަ އެވެ.
ފުރަތަމަ ކޮޅު ދަތުރުތައް ހާއްސަ ކުރާނީ އެރަށާ ކައިރީގައި އޮންނަ ވިލާގެ ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ޓޫރިސްޓުން ގެންދިއުމަށް ކަމަށް ވެސް ވިލާ އިން ބުންޏެވެ. އަދި ވަރަށް އަވަހަށް ޑޮމެސްޓިކް އޮޕަރޭޝަން ފަށަން އަމާޒުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެގޮތުން މިއަހަރު ތެރޭ ސ. ގަމާއި ގދ. ކާނޑެއްދުއަށް، އަދި އަންނަ އަހަރު ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ދަތުރުތައް ފެށުމަށް އުއްމީދު ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ފްލައިމީގެ ޓިކެޓުގެ އަގު އަދި ހާމަނުކުރި ނަމަވެސް، މިހާރު އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ޓިކެޓަށް ވުރެ އަގު ހެޔޮވާނެ ކަމުގެ ޔަގީންކަން ގާސިމް މިއަދު ދެއްވި އެވެ. އަދި ވިލާ އެއާއަކީ އެހެން އެއާލައިންތަކަށް "ދޫކުރާނެ ކުންފުންޏެއް ނޫން" ކަމަށާއި "ފްލައިމީ"ގެ ހިދުމަތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކާއި އޭވިއޭޝަން އުސޫލުތަކާއި އެއްގޮތަށް ވީހާ ވެސް ފުރިހަމައަށް ގެންދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ހަރަދުގެ ގޮތުން ބަލާއިރު ވެސް ސީ ޓްރާންސްޕޯޓަށް ވުރެ ގާތްގަނޑަކަށް 35 ޕަސަންޓް ވަރު އަގުހެޔޮވާނެ މި އޮޕަރޭޝަނުން،" ގާސިމް ވިދާޅުވި އެވެ.
އަދި މާމިގިލި އެއާޕޯޓު ހުޅުވި ނަމަވެސް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި އެތަން ބައިނަލްއަގުވާމީ އެއާޕޯޓަކަށް މުސްތަގުބަލުގައި ބަދަލުކުރަން ގަސްތުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސާޅީސް މިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ވިލާ އެއާގެ ހިދުމަތްތައް މިއަދު ރަސްމީކޮށް ފަށާފަވާއިރު، މިހާރު ވިލާގެ ދަތުރުތަކަށް ބޭނުންކުރަނީ 46 މީހުންގެ ޖާގައިގެ ދެ ބޯޓެވެ. ކުންފުނި ފުޅާވަމުންދާ ވަރަކަށް އިތުރު ބޯޓުތައް ގެނެސް، އާ މަންޒިލްތަކަށް ދަތުރު ފަށާނެ ކަމުގެ ޔަގީންކަން ވިލާއިން ދެ އެވެ.