13 Dec 2018, 12:39
ރައްޔިތުންގެ މަޖިލީހުގެ އިންތިހާޞު ބާއްވާ ތާރީހު ފެށޭ ހަފްތާގެ އާދިއްތަ ދުވަހު އިއުލާނު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިންތިހާބު އޮންނާނީ ފެށޭ އަހަރުގެ މާޗު މަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ މަޖިލިސް އިންތިހާބު އޮންނަ ތާރީހު ފެށޭ އާދިއްތަ ދުވަހު އިއުލާނު ކުރައްވާނެ ކަމަށެވެ.
"އިންތިހާބު އޮންނަ ތާރީހާއި އިންތިހާބާ ގުޅިގެން ދެން ހުރި ކަންކަން އާދިއްތަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނު ކުރެވިގެންދާނެ،" އަކްރަމް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހު ފައިނަލް ކުރީ އެ ކޮމިޝަނުން އިއްޔެ ބޭއްވި މެމްބަރުންގެ ބައްދަލުވުމުގައި ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ. އެކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ކުރައްވާނެ ކަމަށެވެ.
އަކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވަން ބޭނުންވާ ވަރަށް ފައިސާ، ފިނޭންސް މިނިސްތްރީން އިލެކްޝަންސް ކޮމިޝަނަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.
މައްޗަންގޮޅީ މެދު ދާއިރާގެ ނަމުގައާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި އާ ދެ އިންތިހާބީ ދާއިރާ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމައިފައެވެ. އެހެން ކަމުން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި 87 މެމްބަރުން އިންތިހާބު ކުރާނެއެެވެ.