މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ގއ. ގެމަނަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހު ގެމަނަފުއްޓަށް އިއްޔެ ވަޑައިގެންނެވި އިރު، އެނބުރި މާލެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް މާލެ ވަޑައިގަތުމަށްް ފުރާވަޑައިގަތުމުގެ ކުރިން ވަނީ އެރަށުގައި ބަހައްޓާފައިވާ ބޮޑު ގަޑި އިފްތިތާހްކޮށްދެއްވާފައެވެ.

ރޭ ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މަސްވެރިން ކުރާ މަސައްކަތާ ބަލާފައި އެމީހުންނަށް ލިބެނީ ހައްގު މިންވަރު ނޫން ކަމަށާއި، މަސްވެރިން ބާނާ މަހުން އެއްވެސް މިންވަރެއް އިސްރާފު ނުވެ ފުރިހަމަ އަގު ލިބޭނެ ގޮތް ހެދުމަށްޓަކައި ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ކެޕޭސިޓީ އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ފިނިކުރި ރޯމަހުގެ އެކްސްޕޯޓަށް ވުރެ ދަޅުމަހަށް ބައިނަލްއަގުވާމީ ބާޒާރުން ރަނގަޅު އަގު ލިބޭކަމަށާއި، ދަޅުމަސް ބަންދުކުރާ މިންވަރު އިތުުރކުރުމަކީ މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މަސްވެރިނަށް ދިމާވެފައިވާ ދަތިތަކުގެ ތެރޭން ކިރާ މަހަށް ވަގުތުން ފައިސާ ނުލިބުމުގެ ވާހަކަ ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ކްރެޑިޓަށް ފައިސާ ދިނުން ހުއްޓާލާ ވަގުތުން ފައިސާ ދެވޭނެ އިންތިޒާމަކަށް މަސްވެރިން ބޭނުންވެފައިވާކަން ގަބޫލު ފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެކަން ކުރުމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަމިއްލަ ފައި މައްޗަށް ތެދުވެވޭ ވަރުގެ އިތުރު އިންވެސްޓްމެންޓްތަކެއް ކުންފުންޏަށް ހޯދަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.