ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކޮށް، އެމެރިކާގެ އެހީތައް ރާއްޖެއަށް އިތުރުކުރެވޭނެ ދާއިރާތަކާއި، އެހީތެރިކަން ފޯރުކޮށްދޭ އިރު އިސްކަން ދޭނެ ދާއިރާތައް ދެނެގަތުމަށ،ް އެ ގައުމުގެ ވަފުދެއް ރާއްޖެ އައިސް މަޝްވަރާތައް ފަށައިފި އެވެ.

އެމެރިކާއިން ރާއްޖެ އައި ވަފުދުގައި ހިމެނެނިވަޑައިގަންނަވަނީ، އެގައުމުގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް، ޑިޕާޓްމަންޓް އޮފް ކޮމާސް އަދި ކޮލޮމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީގެ ބޭފުޅުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ވަފުދުގެ ބޭފުޅުން، ރާއްޖޭގެ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް، ރޫލް އޮފް ލޯ، ގުޑް ގަވަނަންސް، އިންސާނީ ހައްގުތައް، ސިވިލް ސޮސައިޓީ ފަދަ ދާއިރާތައް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނެ ގޮތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، އެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާސްގެ ބޭފުޅުން، ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ، އެންވަޔަރަންމަންޓް މިނިސްޓްރީ، ޕޯޓްސް އަދި އެޓާނީ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.

އަދި ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ރޫލް އޮފް ލޯ އެޑްވައިޒަރު ސްޓެފެން އެންޑަސަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގާއިމް ކުރެއްވި ކޮރަޕްޝަން ތަހުގީގު ކުރާ ކޮމިޝަނާއި މަރުތަކުގެ ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަންގެ ބެފުޅުންނާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއި، ފުލުހުންނާއި، އެމްއެމްއޭގެ ބޭފުޅުންނާއި، ޖޭއެސްސީގެ ބޭފުޅުންނާއި، ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުންތަކަކީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، އަލައިނާ ޓެޕްލިޓްޒްއާ އެކު ރައީސް ސޯލިހު ކުރެއްވި މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭއްވޭ ބައްދަލުވުންތަކެއް ކަމަށެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަލައިނާ ޓެޕްލިޓްޒް ރައީސަށް ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސްގެ އޮފީސް

ބައްދަލުވުންތަކަށް ފަހު އެމެރިކާގެ ވަފުދު މިއަދު ފުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.