01 Oct 2011, 15:57
އައިޖީއެމްއެޗްގައި އެނދުގެ ދަތިކަން ބޮޑުވެ ވިހަން ހޮސްޕިޓަލަށް ދާ މީހުންނަށް އަންހެނުންގެ ވޯޑުން ޖާގަ ނުލިބޭ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އައިޖީއެމްއެޗްގެ އެނދުގެ ދަތިކަން މިދުވަސްވަރު ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ. ވިދާޅުވީ ހާއްސަ ގޮތެއްގައި ވިހަން އެ ހޮސްޕިޓަލަށް ދާ މީހުންނަށް އެނދު ހޯދުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމުގެ ރިޕޯޓްތައް ކޮންމެ ދުވަހަކު ވެސް ލިބޭ ކަމަށެވެ.
މިއަދުވެސް އައިޖީއެމްއެޗުން ވަނީ ވިހަން ދިޔަ އަންހެނަކު އެނދެއް ނެތިގެން ނަން ނޯޓް ކުރުމަށްފަހު ފޮނުވާލާފަ އެވެ.
"އެމައްސަލަ ހައްލުކުރުމަށް މެނޭޖްމަންޓުން މަސައްކަތް ކުރަމުން އަންނަނީ،" ޒީނަތު ވިދާޅުވި އެވެ.
ޒީނަތު ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލަށް ވިހަންދާ މީހުންނަށް އިސްކަންދޭންޖެހޭ ތަރުތީބުން އެނދު ހޯދައިދެމުން އަންނަ ކަމަށެވެ. އަދި އެމަޖެންސީ ހާލަތެއްގައި ނަމަ އެމީހަކަށް އަވަސް ފަރުވާދެމުން ގެންދާނެ ކަމަށާއި އެނދެއް ހޯދަން ހެނދުނު އެދިއްޖެނަމަ މެންދުރުފަހު ނޫނީ ރޭގަނޑު އެނދު ލިބޭނެ ކަމަށެވެ.
"ޑޮކްޓަރުން އެޑްމިޓްކުރަން އަންގާ ޕޭޝަންޓުން ވެސް އިމަޖެންސީ ނޫނިއްޔާ ނަން ނޯޓް ކޮށްފައި ފޮނުވާލަނީ،" ޒީނަތު ވިދާޅުވި އެވެ. "އަންހެނުންގެ ވޯޑުން އެކަންޏެއް ނޫން އެނދުގެ ދަތިކަން ކުރިމަތިވަމުން ދަނީ، އާއްމު ގޮތެއްގައި ހުރިހާ ވޯޑްތަކުން ވެސް އެމައްސަލަ ދިމާވޭ،"
އެނދުގެ ދަތިކަމަކީ އަބަދުވެސް ދިމާވަމުން އަންނަ މައްސަލައެއް ކަމަށް އައިޖީއެމްއެޗުން ބުނާއިރު އެމައްސަލައަށް ހައްލު ވާނެ ދުވަހެއް ބުނެފަ އެއް ނުވެ އެވެ.