ހުޅުލެ އާއި ހުޅުމާލެ ގުޅޭ ހައިވޭގައި މިއަދު ފަތިހު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ، ހައިވޭގައި ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ މީހަކު އެކްސިޑެންޓު ވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ފަތިހު 5:30، އެމްޓީސީސީ ޕްރައިވެޓް ހަޔާ ވެހިކަލެއްގައި ކަމަށެވެ.

އެ ހާދިސާގައި އަނިޔާވީ، ލ ކަލައިދޫއަށް ނިސްބަތްވާ، އުމުރުން 29 އަހަރުގެ މީހަކަށާއި 36 އަހަރުގެ މީހަކަށެވެ. އޭގެ ތެރެއިން ބޮޑަށް އަނިޔާވީ އުމުރުން 36 އަހަރުގެ މީހާއަށް ކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ.

"ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވޭ. 36 އަހަރުގެ މީހާއަށް ލިބިފައިވާ އަނިޔާތައް ވަކީން ބޮޑު،" އާސަންދައިގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ދެމީހުންނަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ. އައިޖީއެމްއެޗް އިން "ސަން" އަށް ބުނީ މިހާރު އެ ދެމީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.