ލަންޑަން(ޑިސެމްބަރު 13): އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭއަށް އޭނާގެ ޕާޓީގެ ތެރެއިން ކުރިމަތިވެ ވަޑައިގެންނެވި އިތުބާރުނެތް ކަމުގެ ވޯޓުން ސަލާމަތްވެ ވަޑައިގެންފިއެވެ.

މޭ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެދި ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ 48 މެންބަރުން ގެ ތާއީދާއެކު އެޕާޓީގެ ކަމާބެހޭ ގުނަވަނަށް ހުށަހެޅުމުން މޭ ބޮޑުވަޒީރު ކަމުގައާ އަދި ކޮންޒަވެޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމުގައި ދެމިހުންނެވުމަށް 200 މެންބަރުންގެ ތާއީދު ލިބުނުއިރު އޭނާއާ ދެކޮޅަށް ވޯޓު 117 މެންބަރުން ވޯޓު ދެއްވިއެވެ. މޭގެ މައްޗަށް އިތުބާރުގެ ވޯޓު ނެގުމަށް މަސައްކަތްކުރީ ކޮންޒަވެޓިވް ޕާޓީގައި ހިމެނޭ ހަރުކަށި ވިސްނުމުގެ މެންބަރުންތަކެއް ކަމަށް އެކަމާބެހޭ މަސްއޫލުވެރިޔާ ގްރަހަމް ބްރޭޑީ ވިދާޅުވިއެވެ.

އިތުބާރުގެ ވޯޓުން ސަލާމަތްވެ ވަޑައިގަތުމަށްފަހު މޭ ވިދާޅުވީ ބްރެކްސިޓްގެ އެއްބަސްވުމަށް ބައެއް އިސްލާޙުތައް ގެނަސް ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން އެ އެއްބަސްވުން ތަސްދީގުކޮށް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ. މޭ ވިދާޅުވީ ބްރެކްސިޓްގެ އެއްބަސްވުމާމެދު ހައުސް އޮފް ކޮމަންސްގެ މެންބަރުންގެ ޚިޔާލުތަފާތުވުމާގުޅިގެން އެ އެއްބަސްވުން ތަސްދީގު ކުރުމަށް ވޯޓަށް އެހުން ފަސްކޮށްފައިވާއިރު އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ތާރީޚު އަންނަ އަހަރުގެ މާޗް 29ގެ ފަހުން ނޫނީ ދެން ކަނޑަނޭޅޭނެ ކަމުގައެވެ.

ބްރެކްސިޓްގެ އެއްބަސްވުމަށް ހައުސް އޮފް ކޮމަންސްގައި ވޯޓަށް އެހުން ފަސްކޮށްފައިވާއިރު މޭ ވިދާޅުވެފައިވަނީ އެ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނައުމަށްޓަކައި ބްރަސަލްސް އާއި ބަރލިން އާއި ޑަބްލިން އާއި ދަހޭގަށް ވަޑައިގެން ޔޫރަޕްގެ ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމުގައެވެ. ނަމަވެސް އެ މަޝްވަރާތަކަށްފަހު އެއްބަސްވުމަށް ވޯޓަށް އަހާނެ ތާރީޚެއް މޭ ހާމައެއް ނުކުރައްވައެވެ.

މިމައްސަލާގައި ޔޫރަޕިޔަން ކޮމިޝަންގެ ރައީސް ޖީން ކްލައުޑް ޔުންކަރ ވިދާޅުވީ ތެރިސާ ބޭނުންފުޅުވާނަމަ އެކަމަނާއާ ބައްދަލުކުރައްވާނެ ކަމަށާ ނަމަވެސް ބްރެކްސިޓްގެ އެއްބަސްވުމާ އަދި އެއާ ގުޅިފައިވާ "ޕޮލިޓިކަލް ޑެކްލަރޭޝަން" އާ ބަދަލުގެނައުމުގެ ފުރްސަތު ދެން ނޯންނާނެކަމުގައެވެ.

ޔުންކަރ ވިދާޅުވީ ބްރެކްސިޓްގެ އެއްބަސްވުމަކީ އިނގިރޭސިވިލާތަށް ދެވެންއޮތް އެންމެ ބޮޑު ދޫތައް ދީގެން އެއްބަސްވެފައިވާ އެއްބަސްވުމެއް ކަމަށާ އެ އެއްބަސްވުމާބެހޭ ކަންކަން އިތުރަށް ސާފުކޮށްދިނުން ފިޔަވައި އެހެން ކަމެއް ދެން ޔޫރަޕްގެ އިއްތިޙާދަށް ކޮށްދެވެން އޮންނާނެ ކަމަށް އިނގިރޭސި ލީޑަރުން ދެކެވަޑައިގެން ނުވާނެ ކަމުގައެވެ. (ނޫސްއެޖެންސީތައް)