01 Oct 2011, 15:59
ކޯޓުން ކުށްވެރިން ދޫކުރާކަމަށްބުނެ ބައެއްފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށް ކުރިމިނަލް ކޯޓުން ބުނެފި އެވެ.
އެ ކޯޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޯޓުން ކުށްވެރިން ދޫކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ ގާނޫނު އަސާސީއާއި ގާނޫނާއި، ކޯޓުތަކުން ކުރަމުންއަންނަ މަސައްކަތްތަކާއި، އެ މަސައްކަތްތަކުގެ ބާވަތާއި ތަބީޢަތާއި މެދު ޣާފިލުވެތިބެ ދައްކަމުން އަންނަ ގާނޫނީގޮތުން ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުށްވެރިން ވަކި މުއްދަތެއްގައި ބަންދުގައި ބެހެއްޓުމާއި، ބަންދުން ދޫކުރުމާއި، ޖިނާއީ މައްސަލަތަކުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރެވޭ ކުށްވެރިންގެ މައްޗަށް ހުކުމް ކުރުމަކީ ކޯޓުން ކުރަންޖެހޭ ކަމެއްކަމަށް ވިޔަސް މިކަންކަން ކުރެވެން އޮންނަނީ ޝަރީއަތަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށްކަމަށް ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
"... ކޯޓުން ކުށްވެރިން ދޫކުރަނީކަމަށްބުނެ ވާހަކަދެއްކުމަކީ ގާނޫނު އަސާސީއާއި ގާނޫނާއި، ކޯޓުތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި، އެ މަސައްކަތުގެ ބާވަތާއި ތަބީޢަތާއި މެދު ޣާފިލުވެތިބެ ދައްކަމުން އަންނަ ގާނޫނީ ގޮތުން ބުރަދަނެއް ނެތް ވާހަކަތަކަށް ނޫނީ ނުވާނެއެވެ،" އެ ބަޔާނުގައި ވެއެވެ.
ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނަނީ ހެއްކާއި ގަރީނާ ހުށަހެޅުމަކީ ކޯޓުން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، ކޯޓުން ކުރަންޖެހޭ ކަމަކީ ހުށަހަޅާ ހެކި މިންކޮށް ވަޒަންކުރުމުގެ މަސައްކަތްކަމަށެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދައިން އެމީހަކާއިމެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލާފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ އެއްވެސް މީހަކާއިމެދު ޝަރީއަތުން ހުކުމްކުރުމުގެ ކުރިން ބަންދުގައި ނުބެހެއްޓޭނެކަމަށް ވެސް ބަޔާނުގައި ވެއެވެ.