13 Dec 2018, 08:55
ކައުންސިލުތަކުގެ ހިއްސާއާ އެކު އައިސް ޕްލާންޓްތައް ހިންގުން ކައުންސިލުތަކަށް ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ގެމަނަފުށީގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރަށްރަށުގައި ކުރި އައިސް ޕްލާންޓްތައް ގާއިމް ކުރުމަކީ އެމަނިކުފާނުގެ މެނިފެންޓޯގައި ކަނޑައަޅާގައިވާ ކަމެއް ކަމަށެވެ.
ރައްޔިތުންނާއި ކައުންސިލުގެ ހިއްސާ އޮންނަ ގޮތަށް އެކަން ކުރުމަށް ކުރަންޖެހޭ ދިރާސާތައް ފިޝަރީޒް މިނިސްޓަރީން މިހާރު ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހި މަސްވެރި މުޖުތަމައުތަކުން ކުރާ އެންމެ ބޮޑު ޝަކުވާއެއް ކަމަށް ރައީސް ޞާލިހު ފާހަގަ ކުރެއްވީ އައިސްޕްލާންޓްތަކުން ލިބެންވާ ފައިދާ އެކަށީގެންވާ ގޮތުގައި ނުލިބުމުގެ ޝަކުވާ ކަމަށެވެ.
"މަސްވެރިންނަށް އެންމެ ފައިދާވާ ގޮތަށް އައިސްޕްލާންޓްތައް ހިންގުމަށްޓަކައި އެތަންތަން ރަށު ކައުންސިލުތަކުގެ ހިއްސާއާ އެކު ހިންގާ ތަންތަނަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައި،"
ގެމަނަފުށީ މަސްވެރިންގެވެސް އެންމެ ބޮޑު ޝަކުވާއަކީ ބޭނުންވާ މިންވަރަށް އައިސް ނުލިބުމުގެ މައްސަލަކަން ފާހަގަކޮށް ރައީސް ޞާލިހު ވިދާޅުވީ މިހާރު އެރަށުގައި ހުރި 25 ޓަނުގެ އައިސް އުފައްދާ މެޝިން 50 ޓަނުގެ އައިސް އުފައްދާ މެޝިނަކަށް ބަދަލު ކުރައްވާނެ ކަމަށެވެ.
ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ތަސައްވަރަކީ މަސްވެރި ކަމާއި ނޫ އިގްތިސާދާ ގުޅިފައިވާ ތަސައްވަރެއް ކަމަށެވެ. ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ހާސިލުކުރެވެނީ ވަރަށް މަދު މިންވަރަކަށް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
"ރާއްޖޭގެ ގިރިފަރުތަކާއި ކަނޑުފަޅުތަކުގައި އަޅުގަނޑުމެންނަށް ހާސިލު ކުރެވޭނެ ކިތަންމެ މަންފާތަކެއް އަދިވެސް އެބަހުރި. މަސްވެރިކަމުގެ ވިޔަފާރި ފުޅާކޮށް މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދާ ދިނުމަކީ އަޅުގަނޑުމެންގެ ވައުދެއް." ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.
މަސްވެރިކަން ދިރުވާ އާލާ ކުރުމަކީ ވާޖިބެއްކަން ފާހަގަ ކުރައްވައި ރައީސް ޞާލިހު ވިދާޅުވީ އެ ޒިންމާ އަދާކުރައްވާނެ ކަމަށެވެ.