12 Dec 2018, 23:05
ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި މިފްކޯ ފައިދާ ވާ ކުންފުންޏަކަށް ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގައުމީ ފެންވަރުގައި މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ގއ. ގެމަނަފުށީގަ އެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިފްކޯއަކީ ފައިދާ އާ އެކު ހިނގާ ކުންފުންޏަކަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށެވެ.
އަދި އެކަން ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދޮޅު އަހަރެއްހައި ދުވަހުގެ ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑުމެން ހަދާނަން." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މަސްވެރިން ބާނާ މަހުން އެއްވެސް މިންވަރެއް އިސްރާފު ނުވެ ފުރިހަމަ އަގު ލިބޭނެ ގޮތް ހެދުމަށްޓަކައި ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ކެޕޭސިޓީ އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ފިނިކުރި ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓު ކުރުމުން ލިބޭ އަގަށްވުރެ ރަނގަޅު އަގެއް ދަޅު މަހުގެ ގޮތުގައި އުފައްދައިގެން ބައިނަލްއަގުވާމީ ބާޒާރުން ލިބޭކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެހެންވީމާ ދަޅުގައި މަސް ބަންދުކުރެވޭ މިންވަރު އިތުރު ކުރުމަކީ މިހާރުން މިހާރަށްވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ގެއްލުމުގައި ހިންގައިގެން ނަމަވެސް މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް ކުރާ މަސައްކަތެއް ދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން މިފްކޯގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައި. އެގިތުގައި މިފްކޯ ހިންގުމަކީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭނެ ކަމެއް ނޫން. އަދި މަސްވެރިކަމުގެ ސިނާއަތަށް އެންމެ މަންފާ ހުރި ގޮތެއްވެސް ނޫން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މަސްވެރިނަށް ދިމާވެފައިވާ ދަތިތަކުގެ ތެރޭން ކިރާ މަހަށް ވަގުތުން ފައިސާ ނުލިބުމުގެ ވާހަކަ ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ކްރެޑިޓަށް ފައިސާ ދިނުން ހުއްޓާލާ ވަގުތުން ފައިސާ ދެވޭނެ އިންތިޒާމަކަށް މަސްވެރިން ބޭނުންވެފައިވާކަން ގަބޫލު ފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެކަން ކުރުމަށް މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަމިއްލަ ފައި މައްޗަށް ތެދުވެވޭ ވަރުގެ އިތުރު އިންވެސްޓްމެންޓްތަކެއް ކުންފުންޏަށް ހޯދަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ސަރުކާރުގެ މަސްކުންފުނިތަކުން މަސްވެރިންނަށް މިހާތަނަށް ދޭން ޖެހިފައި ހުރި 68 މިލިއަން ރުފިޔާ އެ ކުންފުނިތަކަށް އިއްޔެވަނީ ފިނޭންސް މިނިސްޓްރީން ދޫކޮށްފައި. އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް މިއޮތް ދެތިން ދުވަހުގެ ތެރޭގައި މަސްވެރިންނަށް އެފައިސާ ލިބޭނެ ކަމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.