މަސްވެރިން ކުރާ މަސައްކަތާ ބަލާފައި މަސްވެރިންނަށް ލިބެނީ ހައްގު މިންވަރު ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދި ސޯލިހު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގެމަނަފުށީގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެ ވަޑައިގެންފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މަސްވެރިން ބާނާ މަހުން އެއްވެސް މިންވަރެއް އިސްރާފު ނުވެ ފުރިހަމަ އަގު ލިބޭނެ ގޮތް ހެދުމަށްޓަކައި ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ކެޕޭސިޓީ އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ފިނިކުރި ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓު ކުރުމުން ލިބޭ އަގަށްވުރެ ރަނގަޅު އަގެއް ދަޅު މަހުގެ ގޮތުގައި އުފައްދައިގެން ބައިނަލްއަގުވާމީ ބާޒާރުން ލިބޭކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެހެންވީމާ ދަޅުގައި މަސް ބަންދުކުރެވޭ މިންވަރު އިތުރު ކުރުމަކީ މިހާރުން މިހާރަށްވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ގެއްލުމުގައި ހިންގައިގެން ނަމަވެސް މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް ކުރާ މަސައްކަތެއް ދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން މިފްކޯގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައި. އެގިތުގައި މިފްކޯ ހިންގުމަކީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭނެ ކަމެއް ނޫން. އަދި މަސްވެރިކަމުގެ ސިނާއަތަށް އެންމެ މަންފާ ހުރި ގޮތެއްވެސް ނޫން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މިފްކޯއަކީ ފައިދާ އާ އެކު ހިނގާ ކުންފުންޏަކަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެކަން ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދޮޅު އަހަރެއްހައި ދުވަހުގެ ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑުމެން ހަދާނަން." ރައީސް ސޯލިހު ވިދާޅުވި އެވެ.

މަސްވެރިނަށް ދިމާވެފައިވާ ދަތިތަކުގެ ތެރޭން ކިރާ މަހަށް ވަގުތުން ފައިސާ ނުލިބުމުގެ ވާހަކަ ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ކްރެޑިޓަށް ފައިސާ ދިނުން ހުއްޓާލާ ވަގުތުން ފައިސާ ދެވޭނެ އިންތިޒާމަކަށް މަސްވެރިން ބޭނުންވެފައިވާކަން ގަބޫލު ފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެކަން ކުރުމަށް މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަމިއްލަ ފައި މައްޗަށް ތެދުވެވޭ ވަރުގެ އިތުރު އިންވެސްޓްމެންޓްތަކެއް ކުންފުންޏަށް ހޯދަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ސަރުކާރުގެ މަސްކުންފުނިތަކުން މަސްވެރިންނަށް މިހާތަނަށް ދޭން ޖެހިފައި ހުރި 68 މިލިއަން ރުފިޔާ އެ ކުންފުނިތަކަށް އިއްޔެވަނީ ފިނޭންސް މިނިސްޓްރީން ދޫކޮށްފައި. އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް މިއޮތް ދެތިން ދުވަހުގެ ތެރޭގައި މަސްވެރިންނަށް އެފައިސާ ލިބޭނެ ކަމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ހޯދުމުގެ މަސައްކަތްވެސް ކުރަން ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަވަށްޓެރި ބައެއް ގައުމުތަކުން އެއްވެސް ޑިއުޓީއެއް ނެތި ޔޫރަޕަށް މަސް ބޭރުކުރަމުން ދާއިރު އަޅުގަނޑުމެންނަށް ޔޫރަޕަށް މަސް ބޭރު ކުރެވެނީ 22 ޕަސެންޓުގެ ޑިއުޓީއަކާ އެކު. މިއީ ރާއްޖެ ފަދަ ނާޒުކު އިގްތިސާދަކަށް ތަހައްމަލު ކުރެވޭ ވަރަށް ވުރެ ބޮޑު ބުރައެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެއަށް މިހާރަށް ވުރެ ރަނގަޅު ގޮތްތައް ފަހި ކުރެވެން ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެއީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށްގެން ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން ޔޫރަޕުގެ އިއްތިހާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރެއްވިޖެ ނަމަ ބައިނަލް އަގުވާމީ ބާޒާރުގައި ރާއްޖެއަށް ލުއި ލިބިގެން ދާނެ ކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މަސްވެރިކަން ދިރުވާ އާލާ ކުރުމަކީ ވާޖިބެއް ކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ ޒިންމާ އަދާކުރައްވާނެ ކަމަށެވެ.