ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ ބޭންކުގެ ކަސްޓަމަރުންގެ މެދުގައި ސާވޭ އެއް ކުރަން ނިންމައިފި އެވެ.

ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އަމާޒުކޮށްގެން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ސާވޭގެ މަގްސަދަކީ އެ ބޭންކުގެ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ހިދުމަތް ލިބިގަންނަން ފަސޭހަ ވަގުތު ތައް ދެނެގަތުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މާލޭގައި މިސާވޭ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލޭގައި ގާއިމް ކުރެވިފައިވާ އެ ބޭންކުގެ ބްރާންޗް ތަކުން ހޮވާލެވޭ ކަސްޓަމަރުންނާ އިންޓަވިއު ކޮށްގެން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަދި ރާއްޖެ ތެރޭގައި މި ސާވޭ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރަށްރަށުގައި ގާއިމްކުރެވިފައި ހުރި ބްރާންޗް ތަކުން ކަސްޓަމަރުންނާ ފޯނުން ގުޅައިގެން ސާވޭ ކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.