12 Dec 2018, 21:00
އެހެން ވަކީލަކާ އެކު މާދަމާ ފުލުހަށް ހާޒިރުމުގެ ފުރުސަތު ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ދީފި އެވެ.
މިއަދު ހަވީރު 16:00 އަށް ޒަމީރު ފުލުހަށް ހާޒިރު ކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.
މިއަދު ފުލުހަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ، ފުލުހަށް ހާޒިރުވެވަޑައިގެންނެވި އިރު އޭނާގެ އަރިހުގައި ވަޑައިގެންނެވި ވަކީލުންގެ ޓީމުގައި ހެމެނޭ ބޭފުޅެއްގެ މަސްލަހަތު އެ މައްސަލައިގައި ފުށޫ އަރާތީ މިއަދު ފުލުހުން އޭނާއާ ސުވާލު ނުކުރައްވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ސުވާލު ނުކުރެއްވީ، ކުރިން ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވި ވަކީލު އާދަމް މުހައްމަދު އޭނާގެ ވަކީލެއްގެ ގޮތުގައި ހާޒިރުވެވަޑައިގެންވުމުންނެވެ. އާދަމް މުހައްމަދަކީ މީގެ ކުރިން އެމްއެމްޕީއާރްސީގެ މައްސަލައެއްގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތްތަކުގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ގެއްލިފައިވާ ފައިސާގެ އަދަދު 1.22 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
އޭގެ ތެރޭގައި، ލީސް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން އަމިއްލަ ފަރާތްތަކެއްގެ އެކައުންޓަކަށް ޖަމާކޮށްފައިވާ 65.01 މިލިއަން ޑޮލަރާއި، ޑޮލަރު ގަނެވިއްކުމުގެ ނަމުގައި ކޮށްފައިވާ މުއާމަލާތްތަކެއްގައި އަމިއްލަ ކުންފުނިތަކަށް ދޫކުރި ފައިސާ އިން އަނބުރާ ހޯދަން ޖެހޭ 6.31 މިލިއަން ޑޮލަރާއި ލޯނުގެ ގޮތުގައި އެމްއެމްޕީއާރްސީން އަމިއްލަ ކުންފުނިތަކަށް ދޫކުރި ފައިސާއިން އަނބުރާ ލިބެންޖެހޭ 6.15 މިލިއަން ޑޮލަރު ހިމެނެ އެވެ. އަދި ތަފްސީލެއް ނޭނގި އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ 1.90 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.
އެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ކުށް ސާބިތުވެ ހުކުމް ކޮށްފަ އެވެ. އަދީބަށް ފަހު ޓުއަރިޒަމް މިނިސްޓަރަކަށް އައްޔަނު ކުރީ މޫސާ ޒަމީރެވެ.