12 Dec 2018, 21:53
ނިއުދިއްލީ (ޑިސެމްބަރު 12) : އިންޑިޔާގެ ތިން ސްޓޭޓެއްގައި ބޭއްވި އެ ސްޓޭޓްތަކުގެ ޕާލަމެންޓްރީ އިންތިޚާބު އިދިކޮޅު ކޮންގްރެސް ޕާޓީ ކާމިޔާބުކޮށްފިއެވެ.
ޗަޓިސްގާރު، ރާޖަސްތާން އަދި މަދްޔާ ޕްރަދޭޝް ގައި ބޭއްވި ލޯކަލް ޕާލަމެންޓްރީ އިންތިޚާބުތަކުގައި އިދިކޮޅު ކޮންގްރެސް ޕާޓީވަނީ އެއިން ކޮންމެ ސްޓޭޓެއްގައިވެސް ކޯލިޝަނަކާ ނުލައި އެޕާޓީ އެކަނި ސަރުކާރެއް އެކުލަވާލެވޭ ވަރަށް އެސްޓޭޓްތަކުގެ ޕާލަމެންޓްގެ ގޮނޑިތައް ކާމިޔާބުކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ. ކޮންގްރެސް ޕާޓީގެ މިކާމިޔާބީ އާ ގުޅިގެން، ވެރިކަންކުރާ ބަހަރްތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށްވަނީ ކުއްލި ހައިރާން ކަމެއް ލިބިފައެވެ.
2014 ވަނަ އަހަރު ބޭއްވި އިންޑިޔާގެ އާންމު އިންތިޚާބުގައި މި ތިން ސްޓޭޓުން ބީޖޭޕީ އަށް ބޮޑު ކާމިޔާބީ އެއް ލިބިފައިވާއިރު އޭގެ ހަތަރު އަހަރު ފަހުން މި ކާމިޔާބީ އަނެއްކޮޅަށް ޖެހި ބީޖޭޕީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމަކީ އެ ޕާޓީއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.
ބީޖޭޕީ އަށް ނިސްބަތްވާ އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ވެރިކަމުގައި އިންޑިޔާގެ ހަރުކަށި ވިސްނުމުގެ ހިންދޫންނަށް ބޮޑެތި ދޫތަކެއް ދެމުންގެންދާކަމަށްވަނީ ތުހުމަތު ކުރެވިފައެވެ. ހަރުކަށި ހިންދޫން އިންޑިޔާގެ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނަށް ބޮޑެތި ގޯނާތަކެއްކޮށް ހައްގަކާނުލައި މީހުން މެރުންފަދަ ލާއިންސާނީ އަމަލުތައް ހިންގަމުން ގެންދާއިރު މޯދީގެ ސަރުކާރުން އަޅާނުލައި ލޯމަރާލައިގެން އޮންނާތީ މުސްލިމުންގެ އިތުރުން އިންޑިޔާގެ މެދުމިނުގެ ފިކުރު ގެންގުޅޭ ހިންދޫންވެސް ގެންދަނީ މޯދީގެ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މީގެއިތުރުން މޯދީގެ ވެރިކަމުގައި އިންޑިޔާގެ އިގްތިސާދީ ކުރިއެރުންވެސްވަނީ ކުރިޔަށްވުރެ ދަށަށްގޮސްފައެވެ. މޯދީގެ ވެރިކަމުގައި އިންޑިޔާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި އިންޑިޔާގެ ބެލަންސް އޮފް ޕޭމަންޓްގެ މައްސަލަތަކާއި ފައިސާގެ އަގު ދަށަށްދިޔުމުގެ މައްސަލަ ހިމެނެއެވެ. މިމައްސަލަތައް ކުރިމަތިވެފައިވަނީ އިންޑިޔާގެ އެކްސްޕޯޓަށްވުރެ އިންޕޯޓް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ދަތިކަން ކުރިއަށްވުރެ ބޮޑަށް ކުރިމަތިވުމާ ގުޅިގެންނެވެ.
އަންނަ އަހަރު އިންޑިޔާގައި އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއީ ބީޖޭޕީ އަށް ކުރިމަތިވާނެ މައްސަލަތަކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އެހެން ނަމަވެސް ބީޖޭޕީން ދެކެނީ އެއީ މައްސަލައެއް ނޫންކަމުގައެވެ. އިންޑިޔާގެ ބައެއް ސްޓޭޓްތަކުގައި ކޮންގްރެސް އަށް ކާމިޔާބީ ލިބެމުންދިޔުމާއި ބީޖޭޕީގެ ތާއީދު ކުޑަވަމުން ދިޔަނަމަވެސް ކޮންގްރެސް ޕާޓީގައި ހަރުދަނާ ޒަޢާމަތެއް ނެތުމުގެ މައްސަލައަކީ އެޕާޓީއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)