12 Dec 2018, 15:09
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތާ ގުޅިގެން، ރާއްޖޭގެ އެންމެހާ މަސްވެރިން އެއް ވިއުގައެއްތެރޭ ގުޅާލަދީ، އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ "މަސްވެރިންގެ ޕެކޭޖް" އުރީދޫ އިން ތައާރަފްކޮށްފިއެވެ.
މަސްވެރީންގެ ދުވަސް ފާހަގަ ކުރުމަށް ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެރަށުގައި ރޭ ބެއްވި ހަފްލާގައި، މި ޕެކޭޖް ތައާރަފް ކޮށްދީފައި ވަނީ މަސްވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދު އަދި އުރީދޫގެ ރީޖަނަލް މެނޭޖަރު އަބްދުﷲ ސައީދެވެ.
އެކުންފުނީގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ފެށުނީއްސުރެ، އުރީދޫ އަކީ ދިވެހި މަސްވެރިންގެ ގާތް ބައިވެރިއެއް ކަމަށާއި މަސްވެރިންގެ މަސައްކަތް ހުންނަ ގޮތުން، އާއިލާއާ ދުރުގައި ގިނަ ވަގުތު ދަތުރު ކުރަންޖެހޭ ބަޔެއް ކަމަށެވެ.
"އުރީދޫގެ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް މި ދިގު ދަތުރުތައް ލުއިވެ، ގާތް ތިމާގެ މީހުންނާއި ގުޅުން ބޭއްވުން ފަސޭހަ ވެގެންދާނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ރައްކައުތެރި ކުރުމަށްޓަކާ އުރީދޫ އިން ދާނީ އަބަދުވެސް އިންވެސްޓްމަންޓްތައް ކުރަމުން. ރާއްޖެ އަށް މުހިއްމު މި ދާއިރާ ކުރިއެރުމަށް ދިވެހި މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ޝުކުރުވެރިވަން." އުރީދޫގެ ސީއީއޯ، ނަޖީބު ޚާން ވިދާޅުވިއެވެ.
އެކުންފުނިން ބުނީ، މި ޚާއްސަ ޕެކޭޖު ފަރުމާ ކުރެވިފައިވަނީ، އަދުގެ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށެވެ. އުރީދޫ މަސްވެރިންގެ ޕެކޭޖު މެދުވެރިކޮށް، މުޅި މަސްވެރިންގެ އާއިލާގެ ތެރޭގައި ހިލޭ ގުޅާލެވޭނެ ކަމައެވެ. އަދި މި ޕެކޭޖުތައް މެދުވެރިކޮށް ވަރަށް ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި، ހިލޭ ވައިބާ އަދި ޓްވިޓާ ލިބޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.
އުރީދޫ މަސްވެރިންގެ ޕެކޭޖު ވަނީ ރާއްޖޭގައި ރެޖިސްޓާ ކޮށްފައިވާ އެންމެހާ މަސްވެރިންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ޚިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ މަސްވެރިންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް އުރީދޫ އިން މައުލޫމަތުދެއެވެ.
އުރީދޫ އިން ބުނީ، 4 ޢަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، މަސްވެރިންގެ ޕެކޭޖުގައި ހިމެނޭ ބޭފުޅުންގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދާން ކަމަށެވެ.
އޭގެ އިތުރުން ކޮންމެ މަސްވެރިޔަކަށްވެސް، އާއިލާގެ މެންބަރުންގެ ތެރެއިން، ބޭނުންފުޅުވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހު 10 ވަަނަ ދުވަހު އެވެ. މިފަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ގއ. ގެމަނަފުށީގައެވެ.