މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފިއެވެ.

ރޭ ދަރުބާރުގޭގައި އޮތް މި ރަސްމިއްޔާތުގައި އެމްއޭސީއެލް އިން ވަނީ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން 65 އަހަރުން މަތިވުމުން ރިޓަޔާ ކުރެއްވި ފަރާތްތަކާއި ގިނަ މުއްދަތަށް ހިދުމަތް ކުރެއްވި، 165 މުވައްޒަފުންގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް އެވޯޑާއި ހަދާނީ ފިލާ ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ޞާލިހް ވިދާޅުވީ، ކުންފުނީގެ އެންމެ މުހިންމު ރައުސުމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ ލާބަޔާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުންފުނިން ކުރާ ކަމަށެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ޞާލިހް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/އެމްއޭސީއެލް

ޒުވާނުން މުވައްޒިފުން މަސައްކަތުގެ ދާއިރާއަށް ތައްޔާރުކޮށް ތަރައްގީ ކުރެވޭނީ އެތަނެއްގައި ތިބޭ ގިނަ ދުވަސްވީ މުވައްޒިފުންނަށްކަން ފާހަގަކޮށް އޭނާ ވިދާޅުވީ، މުވައްޒަފުން އުމުރުން 65 އަހަރު ފުރުނު ކަމުގައިވީނަމަވެސް، ކުންފުނިން ބޭނުންވެއްޖެނަމަ ކުންފުނީގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

"65 އަހަރު ފުރި، ކުންފުނީގެ ރިޓަޔާމަންޓް އުސޫލުގެ [މުވައްޒަފުން ވަޒީފާއިން މުސްކުޅި ކުރުމާ ބެހޭ ސިޔާސަތު] މަތިން ރިޓަޔާ ކުރުމަށް ފަހު ވެސް، ކުންފުނިން ބެނުންވެއްޖެ ހިނދެއްގައި، ބަލަންޖެހޭ ކަންތައްތަކައް ބެލުމަށް ފަހު ކޮންޓްރެކްޓް އުސޫލުން ކުންފުންޏަށް އިތުރަށް ކުރުމުގެ ފުރުސަތު ދެވޭނެ،" އަލީ ޞާލިހް ވިދާޅުވިއެވެ.

ރޭ އެކުންފުނިން ރިޓާޔާ ކުރި 20 މުވައްޒަފަަކަށް ވަނީ އެވޯޑާއި ހަދާނީ ފިލާ ދީފައެވެ.

އޭގެއިތުރުން އެވޯޑާއި ހަދާނީ ފިލާ ދީފައިވަނީ، ކުންފުންޏަށް 20 އަހަރު ޚިދުމަތް ކުރި 86 މުވައްޒަފަކާއި، 25 އަހަރު ޚިދުމަތްކުރި 39 މުވައްޒަފަކާއި، 30 އަހަރު ޚިދުމަތްކުރި 9 މުވައްޒަފަކާއި، 35 އަަހަރު ޚިދުމަތްކުރި 9 މުވައްޒަފަކަށެވެ.