މުޅި ރާއްޖެއަށް ޓޫރިޒަމް ހުޅުވޭއިރު ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް އެއާޕޯޓް ތަރައްޤީކުރުން މުހިންމުކަމުގައި މަޓާޓޯއިން ބުނެފި އެވެ.

މޯލްޑިވްސް އެސޯޝިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް( މަޓާޓޯ) އިން މިއަދު ބުނީ ޓޫރިޒަމް މުޅި ރާއްޖެއަށް ހުޅުވައިލުމަށް ކުރާ މަސައްކަތް ކާމިޔާބުވާނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް އެއާޕޯޓް ތަރައްޤީ ކޮށްގެން ކަމަށެވެ. މާމިގިލީގައި އެއާޕޯޓް ހުޅުވިގެން ދިއުމަކީ ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.

މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ 25 ޕަސެންޓް އެނދު ހިއްސާ ކުރާ އަރިއަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓެއް ހުޅުވި އެއާޕޯޓާއެކު އިތުރު ޑޮމެސްޓިކް އެއާލައިނެއްގެ ހިދުމަތް ތަޢާރަފް ވެގެން ދިއުމަކީ ޓޫރިޒަމް ސިނާއަތަށާއި، ދިވެހިންނަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

"... މާމިގިލީ އެއާޕޯޓްގެ ސަބަބުން އަރިއަތޮޅަށް ރޭގަނޑު ގަޑީގައި ފަތުރުވެރިން ވައިގެ މަގުން ވަރަށް ކުރު ދަތުރެއްގައި ގެންދެވުމަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ލިބިގެންދާނެ އިތުރު ފަސޭހައެއް. އަދި 'ފްލައިމީ'ގެ ނަމުގައި މިއަދު ތަޢާރަފުވެގެންދިޔަ ދިވެހި ޑޮމެސްޓިކް އެއާލައިންގެ ސަބަބުން އެތެރޭގެ އުދުހުންތަކަށް ޓޫރިސްޓުންކުރާ ޚަރަދުތައް ކުޑަވެ އެކަމުގެ ފައިދާ ޓްރެވެލް އެޖެންޓުންނަށާއި، ރިސޯޓްތަކަށް ކުރާނެ ކަމުގައި މިޖަމިއްޔާއިން ދެކެމެވެ." މަޓާޓޯގެ ބަޔާނުގައި ވެއެވެ.