ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ނޫނަސް ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.

ޖަލު ތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ.

މީގެ ކުރިން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރެވޭނީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ. އަދި އެމަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް މި އިސްލާހު ފާސްވުމާއެކު ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރާ ބޭފުޅާ އަކީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރަކަށް ވާކަށް ނުޖެހެ އެވެ.

ހަމަ އެގޮތަށް ޖަލުތަކަށް އައްޔަން ކުރާ ޑައިރެކްޓަރު އޮފް ޕްރިޒަން އަކީ ވެސް ޖަލު އޮފިސަރަކަށް ވާން ނުޖެހޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.

މި އިސްލާހު ފާސްވީ 60 މެންބަރުންގެ ވޯޓުންނެވެ.