އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

މިއަދު 4:00 ޖަހާއިރު ޒަމީރު ފުލުސް އޮފީހަށް ހާޒިރުވާން އެންގި ކަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ ސަން އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ ގޮތުގައި ފާހަގަކުރެވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ގެއްލިފައިވާ ފައިސާގެ އަދަދު 1.22 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އޭގެ ތެރޭގައި، ލީސް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން އަމިއްލަ ފަރާތްތަކެއްގެ އެކައުންޓަކަށް ޖަމާކޮށްފައިވާ 65.01 މިލިއަން ޑޮލަރާއި، ޑޮލަރު ގަނެވިއްކުމުގެ ނަމުގައި ކޮށްފައިވާ މުއާމަލާތްތަކެއްގައި އަމިއްލަ ކުންފުނިތަކަށް ދޫކުރި ފައިސާ އިން އަނބުރާ ހޯދަން ޖެހޭ 6.31 މިލިއަން ޑޮލަރާއި ލޯނުގެ ގޮތުގައި އެމްއެމްޕީއާރްސީން އަމިއްލަ ކުންފުނިތަކަށް ދޫކުރި ފައިސާއިން އަނބުރާ ލިބެންޖެހޭ 6.15 މިލިއަން ޑޮލަރު ހިމެނެ އެވެ. އަދި ތަފްސީލެއް ނޭނގި އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ 1.90 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ކުށް ސާބިތުވެ ހުކުމް ކޮށްފަ އެވެ. އަދީބަށް ފަހު ޓުއަރިޒަމް މިނިސްޓަރަކަށް އައްޔަނު ކުރީ މޫސާ ޒަމީރެވެ.