ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، ޕްރައިމަރީ އިން ބަލިވުމަށްފަހު އެހެން ހައިސިއްޔަތަކުން އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު އުވާލުމާ ދެކޮޅަށް މަޖިލީހުގެ ގިނަ މެންބަރުން ވާހަކަ ދައްކަވައިފިއެވެ.

ޕްރައިމަރީގައި ބަލިވާ ފަރާތްތަކަށް އެހެން ހައިސިއްޔަތަކުން ޕްރައިމަރީގައި ވާދަނުކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ 2016 ވަނަ އަހަރުއެވެ. އޭރު ޕީޕީއެމްގެ މެންބަރުން ހުށަހެޅި އެ އިސްލާހު މިހާރު އޮތްގޮތަށް ބޭއްވުމަށް އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން މިއަދު ވަނީ ވާހަކަ ދައްކަވައިފައެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

މި އިސްލާހު ހުށަހަޅުއްވަމުން އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މި އިސްލާހު ހުށަހެޅީ ޕްރައިމަރީ ތަކަކަކީ ސައްހަ ޕްރައިމަރީ ތަކަކަށް ނުވުމުން ކަމަށެވެ. ޕްރައިމަރީ ބާއްވާ ދުވަސްވަރު ގަނޑުކޮށް ޕާޓީ އަށް ވައްދައިގެން ވަކި ބަޔަކަށް ކާމިޔާބު ލިބޭ ކަމަށް ލަތީފް ވިދާޅުވިއެވެ.

މި އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްގަފޫރު މުހައްމަދު ވިދާޅުވީ މިއީ ބަލައިގަންނަން ދަތި އިސްލާހެއް ކަމަށެވެ. ޕްރައިމަރީގައި މައްސަލަ އުޅެދާނެ ކަމަށާއި އެކަން ގަބޫލު ނުކުރާނަމަ ކޯޓަށް ގޮސްގެން ނަތީޖާ ބާތިލް ކުރުމުގެ ފުރުސަތު ޕްރައިމަރީގައި ވާދަކުރާ ހުރިހާ އެންމެންނަށް އޮންނާނެ ކަމަށް އަބްދުލްގަފޫރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުގެ ނިޒާމު ބަލައިގަނެ ޕާޓީތަކުގައި އޮންނަ އުސޫލެއްގެ ދަށުން ޓިކެޓު ލިބުނީމާ، ދެން ތިމާ އަށް އެ ޓިކެޓު ނުލިބުނީމާ އަލުން އިންތިހާބުގައި ވާދަކުރުމަކީ ނިޒާމަށް އޮތް ހުރަހެއް،"

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ޕްރައިމަރީ އާ ގުޅޭ އިސްލާހެއް މަޖިލީހަށް ހުށަހަޅާފައިވާއިރު އެ އިސްލާހު ރައްދުވަނީ އެމްޑީޕީ އަށް ކަމަށެވެ. އެމްޑީޕީ އިން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޕާޓީގެ އެތެރޭގެ އިންތިހާބަށް ތައްޔާރު ވަމުންދާއިރު، އެހެން ބައެއް ޕާޓީތަކުން އިންތިހާބުގެ ޓިކެޓު ބަހާލާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

"އެމްޑީޕީ އިން ގަބޫލުކުރަނީ ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމަކީ އެންމެ ހަރުދަނާ ސިފަކަމަށް،" އީވާ ވިދާޅުވީ ޕާޓީ ހިންގާ ފަރާތުން ވަކިި ބަޔަކު ހޮވައިގެން އެމްޑީޕީ އިން ޓިކެޓު ނުދޭނެ ކަމަށެވެ. ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ އަކީމުޅި ގައުމުގެ ޑިމޮކްރަސީ އާ ގުޅިފައިވާ ކަމަށް އީވާ ވިދާޅުވިއެވެ. ޕްރައިމަރީ އިން ބަލިވާ މީހާ އިންތިހާބުގައި ވާދަކުރަން ފުރުސަތު ދިނުމަކީ ޕާޓީތަކަށް ގޮނޑި ކާމިޔާބު ކުރުމަށް އޮތް ހުރަހެއް ކަމަށްވެސް އީވާ ވިދާޅުވިއެވެ.

"ހަރުދަނާ ގޮތަކީ ޕްރައިމަރީގައި ޓިކެޓު ނުލިބުނިއްޔާ ޓިކެޓު ލިބުނު މީހާގެ ފަހަތަށް އެންމެން އެރުން،" ކަމަށާއި އެއީ ރައްޔިތުންގެ އިތުބާރު ލިބޭނެ ގޮތްކަމަށް އީވާ ވިދާޅުވިއެވެ.

މި ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނަންވާނެ ކަމަށެވެ. ޕްރައިމަރީ ތަކަކީ މާ ބޮޑަށް ތައްޔާރުވެގެން ބާއްވާ އިންތިހާބެއް ނޫން ކަމަށާއި ޕްރައިމަރީ އާ ދިމާކޮށް ޕާޓީ އަށް ގަނޑުކޮށް މެންބަރުން ވައްދަމުންދާއިރު، މިއީ ޕާޓީގައި ގިނަ ދުވަހު ހިދުމަތްކުރި މެންބަރުންނަށް ފުރުސަތު ހަނިވާ ކަމެއްގެ ގޮތުގައި މުބީން ސިފަކުރެއްވިއެވެ.