ކޮލަމްބޯ (ޑިސެމްބަރު 12): މިދިޔަ އޮކްޓޯބަރު މަހު ބޮޑުވަޒީރު ކަމުން ދުރު ކުރި ރަނިލް ވިކްރަމަސިންހަގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި އަތުލުމަށް ގޮވާލާ ޕެޓިޝަނެއް އެގައުމުގެ އިސްތިއުނާފު ކޯޓަށް ހުށަހަޅައިފި އެވެ.

އެޕެޓިޝަން ހުށަހެޅީ ކޮލަމްބޯ މުނިސިޕަލް ކައުންސިލަރު ޝަރުމިލާ ގޮނަވެލާ އެވެ.

އެޕެޓިޝަންގައިވާ ގޮތުން ދައުލަތުގެ އިދާރާތަކާ އެކު ކޮންޓްރެކްޓުތައް ހަދައިގެން ވިޔަފާރި ކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައިވެ އެވެ.

އަދި ގޮނަވެލާ ވަނީ، ވިކްރަމަސިންހަ އަކީ ލޭކް ހައުސް ގްރޫޕުގެ ޝެއާ ހޯލްޑަރެއްކަން އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެގުރޫޕުގައި ހިމެނޭ އެއް ކުންފުނި ކަމަށްވާ ލޭކް ހައުސް ޕްރިންޓާސްއިން ދަނީ ދައުލަތުގެ ދެ ބޭންކަކަށް ޗެކް ޕްރިންޓުކޮށްދެމުން ކަން އެނގިފައިވާ ކަމަށްވެސް ބުނެފަ އެވެ.

އެހެންކަމުން އެކޮންޓްރެކްޓުތަކުގެ ސަބަބުން ވިކްރަމަސިންހައަށް 2014 އާއި 2018އާ ދޭތެރޭ މާލީ ފައިދާ ލިބިފައިވާ ކަމަށްވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އޮކްޓޯބަރު 26ގައި، ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ރަނިލް ބޮޑުވަޒީރު ކަމުން ދުރުކޮށް، އެމަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފަ އެވެ. އޭރު ސިރިސޭނާ މަޖިލިސް އުވާލެއްވި ނަމަވެސް ފަހުން ސުޕްރީމް ކޯޓުގެ އަމުރަށް މަޖިލީހުގެ މަސައްކަތްތައް އަލުން ވަނީ ފަށާފަ އެވެ.

އަދި ސިރިސޭނާ މަޖިލިސް އުވާލެއްވީ ގާނޫނާ ހިލާފަށްކަން ނުވަތަ ނޫންކަން މިހަފްތާ ތެރޭ ސުޕްރީމް ކޯޓުން ނިންމާނެ އެވެ.