ޑެޕިއުޓީ ކޮމިޝަނަރަކަށް ޕްރޮމޯޓުކޮށް ފުލުސް އޮފީސް ހިންގުން މުހައްމަދު ހަމީދަށް (އެމްސީ ހަމީދު) ހަވާލުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

ހަމީދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ޅިޔަނެވެ.

ހަމީދަށް ފުލުސް އޮފީސް ހިންގުން ހަވާލުކުރައްވާފައިވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު އެ މަގާމުން ވަކި ކުރެއްވުމަށްފަހުއެވެ. ހަމްދޫން މަގާމުން ވަކިކޮށްފައިވަނީ މިއަދުއެވެ.

އެމްސީ ހަމީދު ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނަވަނިކޮށް އެ މަގާމުން ވަކިކުުރުމުން، އަލުން އޭނާ އަށް ވަޒީފާ ދިނުމަށް ސުޕްރީމު ކޯޓުން ވަނީ މިމަހުގެ ދެވަނަ ދުވަހު އަމުރު ކޮށްފައެވެ.

އެ ހުކުމާ އެއްގޮތަށް އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާ އަލުން ދީފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭނާއަށް ފުލުހުންގެ ވަޒީފާ ދިނީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ. އެއާއެކު ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާކަމަށްވެސް ހަމީދު ހަމަޖެއްސިއެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ ހެޑްގެ މަގާމު މީގެ ކުރިން ވެސް އަދާކުރެއްވި ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސިއްރު މައުލޫމާތުތަކެއް ލީކުކުރިކަމުގެ ތުހުމަތުގައި، 2012 އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމުގެ އިތުރުން ދޫނިދޫގައި ބަންދުވެސް ކުރިއެވެ.