12 Dec 2018, 10:56
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާލިއާގެ ބައްޕަ އަދި ކުޅަދާނަ ޑައިރެކްޓަރު މަހޭޝް ބަޓް ކަށަވަރުކޮށްދީފިއެވެ.
ޓެލެގްރާފަށް ދީފައިވާ އިންޓަވިއުއެއްގައި މަހޭޝް ބުނީ، ރަންބީރަކީ ވަރަށް ރަނގަޅު ޒުވާނެއް ކަމަށާއި އޭނާގެ ދަރިފުޅަށް އެންމެ ރަނގަޅު ބައިވެރިޔަކީ ރަންބީރު ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެ ދެތަރިން ގުޅިގެން އުޅޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އާލިއާ އާއި ރަންބީރުގެ ގުޅުން ދެމިގެންދާ ހިސާބު ބަލަން މަޑު ކޮށްލައިގެން ތިބި ކަމަށެވެ. އަދި އެމީހުންގެ މިސްރާބު ހުރީ ކައިވެންޏަކަށްތޯ ނުވަތަ ނޫންތޯ ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ.
މަހޭޝް މިހެން ބުނެފައިވީ ނަމަވެސް އާލިއާ އާއި ރަންބީރު އަދި ވަކި އެއްޗެއް މީޑިއާތަކަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ދެ ތަރިންގެ ގުޅުން ވަރަށް ބަދަހިއެވެ.
މިދެތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަ ފެންމަތިވެފައި ވަނިކޮށް ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ވަނީ ރަންބީރު ކައިވެންޏެއް ކުރަން ވެއްޖެ ކަމަށް ބުނެ މީގެ ކުރިން މީޑިއާތަކުގައި ވާހަކަ ދައްކާފައެވެ.
ހަބަރުތައް ބުނާ ގޮތުގައި އާލިއާ އާއި ރަންބީރު ކައިވެނި ކުރާނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އެ ދެތަރިން ރަސްމީކޮށް އަދި ވަކި އެއްޗެއް ނާންގައެވެ.