12 Dec 2018, 10:26
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު އެމަގާމުން މިއަދު ވަކިކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ މިކަން "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ.
ހޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ހަމްދޫން ރަޝީދު ވަކިކުރެއްވީ މިއަދު ކަމަށެވެ.
އެހެން ނަމަވެސް ފުލުހުންގެ ޚިދުމަތުން ހަމްދޫން ރިޓަޔާކުރެއްވިކަމެއް ނުވަތަ ނޫންކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ހޫދު ވިދާޅުވިއެވެ.
އަދި ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ހަވާލުކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި، މުހައްމަދު ހަމީދު (އެމްސީ ހަމީދު)އަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ހަމްދޫން ރަޝީދު އައްޔަނުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު، 2018 އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.