ރަޝިޔާގެ އަންޒީ މަކަޝްކަލާ ކާމިޔާބު ކޯޗަކާއި ހަވާލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެކުލަބުގެ ވަގުތީ ކޯޗު ރޮބާޓޯ ކާލޮސް ބުނެފިއެވެ. ކުރީގެ ކޯޗު ގަޑްޒީ ގަޑްޒީވް އަށް ފަހު ފަބިއޯ ކަޕެއްލޯ އަދި ގޫސް ހިޑިންކް ގެ ނަން ޝޯޓް ލިސްޓު ކޮށްފައި ވެއެވެ.

މިސީޒަނުގައި ބޮޑު ޚަރަދެއް ކުރި އަންޒީއަށް ކުރީގެ ކޯޗު ގަޑްޒީވް އަށް އެދެވޭ ކާމިޔާބީ އެއް ހޯދައި ނުދެވުމުން، އޭނާ މަގާމުން ވަކިކޮށް ރޮބާޓޯ ކާލޮސް އަށާއި ކުރީގެ ކޯޗުގެ އެސިސްޓަންޓް އަންދުރޭ ގޯޑީވް އާއި ކުލަބު ވަގުތީ ގޮތުން ހަވާލުކޮށްފައި ވެއެވެ.
"އަހަރެންނާއި އެކު ކުލަބުގެ ރައީސް އާއި ހާއްސަ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ. އެ ބައްދަލުވުމުގައި ދެކެވޭނީ އަންނަ ސީޒަނަށް ގެންނާނެ ކޯޗަކާއި ކުޅުންތެރިންނާއި ބެހޭގޮތުން. ކޯޗަށް ބަލައިލާއިރު، ކަޕެއްލޯ، ހިޑިންކް، ވެންޑަލީ ލަކްސެންބާގޯ އަދި ލުއިސް ފެލިޕް ސްކޮލާރީ ގެ ނަންވެސް ވަނީ ޝޯޓް ލިސްޓް ކުރެވިފައި." ރޮބާޓޯ ކާލޮސް ބުންޏެވެ.

އަންޒީގެ ވެރިޔާ އަދި ބިލިޔަނަރު ސުލޭމާން ކެރިމޯވް މޮޅެތި ކުޅުންތެރިން ގެންނާނެ ކަމަށް ރޮބާޓޯ ކާލޮސް ގަބޫލު ކުރެއެވެ. އިންޓަ މިލާނަށް ކުޅެމުންދިޔަ ކެމަރޫން ފޯވާޑް ސަމުއެލް އެޓޫ އަންޒީއާއި ގުޅުމުން އޭނާ މިހާރު ވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. އެޓޫގެ އިތުރުން ބަލަޒް ސުޒްސަކް އާއި ޔޫރީ ޒިރްކޯވް މިސީޒަނަށް ގެނައި އިރު، މިސީޒަނުގައި ވެސް މުހިންމު ކުޅުންތެރިންތަކެއް ގެނައުމާއި މެދު އަންޒީގެ ރައީސް އާއެކު މަޝްވަރާ ކުރާނެ ކަމަށް ރޮބާޓޯ ކާލޮސް ބުންޏެވެ.
"ފްރޭންކް ލަމްޕާޑް، ސްޓީވަން ޖެރާޑް އަދި ރޮބާޓް ޕިރޭސް ފަދަ ނަންތަކާއި ބެހޭގޮތުން ވާހަކަ ދެކެވޭނެ." ރޮބާޓޯ ކާލޮސް ބުންޏެވެ.