މިދުވަސްވަރު ޑެންގޫ ހުމާއި ބޭރަށް ހިންގުން ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި ދެ ހަފްތާ ތެރޭގައި ބޭރަށް ހިންގުމުގެ 1666 އެ އެޖެންސީ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފަސް ޕަސެންޓު އިތުރު އަދަދެއް ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެނީ ކާބޯތަކެތީގެ ޒަރިއްޔާއިންނާއި ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ކަމަށާއި ބަލިން ރައްކާތެރިވުމަށް ރައްކާތެރި ބޯފެން ބޭނުންކުރުމަށާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

ޑެންގޫހުމުގެ 186 ކޭސް މިދިޔަ ދެ ހަފްތާ ތެރޭ އެޗްޕީއޭ އަށް ރިޕޯޓުކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ހަ ގުނަ އިތުރު އަދަދެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެ އެޖެންސީ އިން ބުނީ ޑެންގީ ހުމުން ރައްކާތެރިވުމަށް މަދިރި އާލާވާތަންތަން ނައްތާލުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

  • ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:-
    ގޭތެރޭގައި ފެން ހަރުލާ ތަންތަން ހަފްތާއަކު އެއްފަހު ނައްތާލުން ނުވަތަ ފެން ހުސްކޮށް ސާފުކުރުން

  • މަގުމައްޗާއި ވައިގޮޅިއާއި ގޮތިތެރޭގައި ހުންނަ ތަންތަނަށް ކުނި ނާޅައި ކުނިއަޅަން ހުންނަ ހާއްސަ ޑަސްބިންތަކަށް ކުނިއަޅައި އަދި ޑަސްބިންތަކަށް ފެން ނޭޅޭގޮތަށް މަތި ބަންދުކުރުން
  • މަދިރިން ނިވާވާ ގޮތަށް ހަށިގަނޑު ނިވާކޮށް މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުން
  • މަދިރިއަށް ނުވަދެވޭ ގޮތަށް އިރުއަރާ ވަގުތާއި އަދި އިރުއޮއްސޭ ވަގުތު ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން