ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، ޕްރައިމަރީ އިން ބަލިވުމަށްފަހު އެހެން ހައިސިއްޔަތަކުން އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު އުވާލުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

މި އިސްލާހު ހުށަހަޅުއްވަމުން އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މި އިސްލާހު ހުށަހެޅީ ޕްރައިމަރީ ތަކަކަކީ ސައްހަ ޕްރައިމަރީ ތަކަކަށް ނުވުން ކަމަށެވެ. ޕްރައިމަރީ ބާއްވާ ދުވަސްވަރު ގަނޑުކޮށް ޕާޓީ އަށް ވައްދައިގެން ވަކި ބަޔަކަށް ކާމިޔާބު ލިބޭ ކަމަށް ލަތީފް ވިދާޅުވިއެވެ.

ގާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޕްރައިމަރީގައި އިންތިހާބުގެ ޓިކެޓު ހޯދުމަށް ވާދަކުރާ މެންބަރުން އެ ޕްރައިމަރީ އިން ބަލިވެއްޖެނަމަ، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެންސީ ބާތިލު ކުރަންވާނެ ކަމަށެވެ.

ދިއްދޫ ދާއިރާގެ މެންބަރު ވިދާޅުވީ ތަފާތު ކުރުމެއްނެތި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ ހުށަހެޅިފައިވާ އިސްލާހު ފާސްކޮށްގެންކަމަށް ލަތީފް ވިދާޅުވިއެވެ.

"ޕްރައިމަރީ އެއްގައި ވާދަކޮށްގެން ބަލިމީހާ ބަލިވަނީ ބާރުގަދަ މީހާ ބޭނުންވާގޮތަށް ކަންކަން ކުރިއަށްދާތީ،" ލަތީފް ވިދާޅުވިއެވެ.