ދެ ވަނަ ޑިވިޝަންގެ ޓީމެއް ކަމަކު، ކުލަބް ރިވަ ސައިޑަކީ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރެވޭ ވަރުގެ މޮޅު ޓީމެއް ކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބްގެ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) ބުނެފި އެވެ.

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ރޭ ރިވަ ސައިޑާ ދެކޮޅަށް ނުކުންނަ ވިކްޓަރީ ސްޕޯޓްސް ކުލަބްގެ މެނޭޖަރު އަޔާ ބުނީ، މާދަމާ ރޭގެ މެޗަކި ވިކްޓަރީއަށް މުހިންމު މެޗަކަށް ވާއިރު، އިދިކޮޅަށް ނުކުންނަ ރިވަ ސައިޑަކީ ވެސް މޮޅު ޓީމެއް ކަމަށެވެ.
"ސެކަންޑް ޑިވިޝަންގެ ޓީމެއް ކަމަކު ކުލަބް ރިވަސައިޑަކީ ހަމަ ރަނގަޅު ޓީމެއް. އެފްއޭކަޕްގެ ކުއާޓާ ފައިނަލަކަށް ނާންނާނެ ރަނގަޅު ނޫން ޓީމެއް. ކުލަބް ރިވަސައިޑަށް އެފްއޭކަޕާ ހަމައަށް އާދެވިފައި އޮތީ ހަމަ ރަނގަޅު ނަތީޖާއެއް ހޯދައިގެން. އެހެންވެ ވިކްޓަރީ އޮތީ ވަރަށް ބޮޑަށް ސަމާލުވެގެން،" އަޔާ ބުންޏެވެ.

އެފްއޭކަޕުގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މިލްކުކުރަން ވިކްޓަރީ ކުރިމަތިލާއިރު، މެނޭޖަރު އަޔާ ބުނީ، މިވަގުތު ޓީމް ތެރޭގައި ކޮންމެ ވެސް ވަރެއްގެ އަނިޔާގެ މައްސަލަތަކެއް އުޅޭ ކަމަށެވެ.
"ވިކްޓަރީގެ އުންމީދަކީ ފުރަތަމަ މެޗުން ވެސް ރަގަނޅު ނަތީޖާއެއް ހޯދުން. މިވަގުތު ކޮންމެވެސް ވަރެއްގެ އެންޖެރީއެއް ޓީމްތެރޭ އެބައުޅޭ. އެކަމަކު މާދަމާ ރޭގެ މެޗަށް ނުކުންނާނީ މިވަގުތު ޓީމުން ނެގެން އޮތް އެންމެ ރަނގަޅު ޓިމް" އަޔާ ބުންޏެވެ. "މުބާރާތް މިފަހަރު ކާމިޔާބު ކުރުމުގެ އިތުރުން މާދަމާ ރޭގެ މެޗް ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން."

އަޔާ ބުނީ، މުބާރާތަށް ގެންނަން މަސައްކަތް ކުރި ކެމަރޫންގެ ފޯވާޑް މާދަމާ ރޭގެ މެޗަށް ނުގެނެވުނު ނަމަވެސް، މިހާރު ވެސް ކުލަބުން އަންނަނީ އޭނާ ގެނައުމުގެ މަސައްކަތްތައް ކުރަމުން ކަމަށެވެ.

މިއަހަރުގެ އެފްއޭކަޕް ތަށި މިލްކު ކުރަން ވިކްޓަރީ ކެއްމަދުވެފައި ވާއިރު، މުބާރަތުގެ ފުރަމަ ސެމީގެ ޖާގަ ވިބީ އާއި ނިއު ރޭޑިއަންޓުން ވަނީ ހޯދާފައެވެ. އެގޮތުން ވީބީ މެޗެއް ނުކުޅެ ސެމީއަށް ދިޔައީ ކުއާޓާ ފައިނަލުގައި އެ ޓީމާ ވާދަކުރަން ޖެހޭ ވިޔަންސާ މުބާރާތުން ވަކިވުމުންނެވެ. އަދި ނިއު ސެމީއަށް ދިޔައީ ބުރާސްފަތި ދުވަހުގެ ރޭ 2-1 ލަނޑުން އީގަލްސް ބަލި ކުރުމަށް ފަހުއެވެ.