ރާއްޖޭގެ ފަރާތުން ތިން ގައުމަކަށް އައްޔަނު ކުރާ ސަފީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވައިފިއެވެ.

އެގޮތުން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނީ ތައިލެންޑަށް ކަނޑައަޅާ ސަފީރު ކަމަށް މުޙައްމަދު ޖިނާޙް، މއ. ތިބްރޯޒް، ސައުދީއަށް ކަނޑައަޅާ ސަފީރު މުޙައްމަދު ޚަލީލް، ގ. އުތުރުގެއާގެ އިތުރުން ޗައިނާއަށް ކަނޑައަޅާ ސަފީރު ޢާއިޝަތު ޢަޒީމާ، މ. ބީނާފުށި އެވެ.

އެ ބޭފުޅުންނަށް ސަފީރު ކަމުގެ ފަތް ކޮޅު ރައީސް ދެއްވާނީ މަޖިލީހުން ރުހުން ދިނުމުންނެވެ. މަޖިލީހަށް އެ ނަންތައް ފޮނުވުމުން ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވުމަށްފަހު ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.

މިހާރު ވެސް އަށް ގައުމަކަށް ކަނޑައަޅާ ސަފީރުންނަށް ރުހުން ހޯދުމަށް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެއީ ބެލްޖިއަމްއާއި އީޔޫގެ ސަފީރުކަމަށް ހަސަން ސޯބިރު، ގ. ފިޔާތޮށިގެ އާއި އިންޑިއާގެ ސަފީރުކަމަށް އާއިޝަތު މުހައްމަދު ދީދީ، ހ. ދޫރިހާ އާއި ސިންގަޕޫރުގެ ސަފީރު ކަމަށް ޑޮކްޓަރ އަބްދުﷲ މައުސޫމް، ދަފްތަރު ނަންބަރު 4336 އާއި ޖަރުމަނު ސަފީރުކަމަށް އަޙްމަދު ލަތީފް، ހ. ސީވީޑް އާއި އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޑރ. ފަރަހަނާޒް ފައިސަލް، ހ. އަމީނީގެ އާއި އެމެރިކާއާއި އދ.ގެ ސަފީރުކަމަށް ތިލްމީޒާ ހުސައިން، މ. ނޫހިރި އާއި މެލޭޝިޔާގެ ސަފީރުކަމަށް ވިސާމް އަލީ، ހ. އާޒާދެވާދީ ގެ އިތުރުން ސްރީލަންކާގެ ސަފީރުކަމަށް އުމަރު އަބްދުލްރައްޒާގު، ހ. ހިކިފިނިފެންމާގެއެވެ.

އެ އަށް ނަން ދިރާސާ ކުރުމަށް ވަނީ ކޮމެޓީއަށް ފޮނުވާފައެވެ.