12 Dec 2018, 00:09
ދިވެހި ނޫސްވެރިކަމަށް 75 ފުރުމުގެ މުނާސަބަތާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އަލިމަސް ގަލަން އަށް ބޭފުޅަކަށް ދީފިއެވެ.
އަލިމަސް ގަލަން ދިނީ ނޫސްވެރިކަން ކުރިއަރުވައި، އެ ދާއިރާއިން ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށެވެ.
ނޫސްވެރިކަމުގެ އަލިމަސް ޔޫބިލް ފާހަގަކުރުމާއި 2017 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ފަރާތްތަކަށް އަލިމަސް ގަލަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޫސްވެރިކަމުގެ އަލިމަސް ގަލަން ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަލިމަސް ގަލަން ލިބިވަޑައިގެންނެވީ:
ނޫސްވެރިކަމުން ޕީއެޗްޑީ ހެއްދެވި، އަދި ހަވީރުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު
- އާފަތިސް ނޫހުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ނައީމް އިބްރާހިމް
- މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް
- މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު
- މުހައްމަދު ސައީދު މޫސާ ވަޖުދީ
- (ހޯރަފުށި) މުހައްމަދު ސަލީމް
- ސަން މީޑިއާ ގްރޫޕުގެ ސީއީއޯ އަދި ސަން އޮންލައިނުގެ އެޑިޓަރ އިން ޗީފް (ހިރިގާ) އަހްމަދު ޒާހިރަށް
- ވީމީޑިއާގެ އިސް ހިންގުންތެރިޔާ އިމާދު ލަތީފް
މީގެ އިތުރުން މި ހަފްލާގައި ނޫސްވެރިކަމުގެ ރަން ގަލަންވެސް ނުވަ ފަރާތަކަށް ދީފައިވެއެވެ. އެބޭފުޅުންނަށް ނޫސްވެރިކަމުގެ ރަން ގަލަން ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ނޫސްވެރިކަމުގެ ރަން ގަލަން ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަން ގަލަން ލިބިވަޑައިގެންނެވީ:
އާފަތިސް ނޫހުގެ ކުރީގެ އެޑިޓަރު (ފެއަރީ) އަހްމަދު ޒާހިރު
- ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރ މުހައްމަދު ޖަމީލް
- މިހާރު ނޫހުގެ މެނޭޖިންގް އެޑިޓަރު އިސްމާއިލް ނަސީރު
- މިހާރު ނޫހުގެ އެޑިޓަރު އަހްމަދު ހަމްދޫން
- "އަވަސް" ނޫހުގެ ކުރީގެ ޗީފް އެޑިޓަރު (މުންޑޫ) އާދަމް ހަލީމް
- ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ
- ސީއެންއެމްގެ ޗީފް އެޑިޓަރު އިސްމާއިލް ރަޝީދު
- މިހާރު ނޫހުގެ ކުރީގެ ސީނިއާ އެޑިޓަރ އަހްމަދު އަބްދުﷲ ސައީދު
- މިހާރު ނޫހުގެ ސީނިއާ އެސިސްޓަންޓް އެޑިޓަރ-ފޮރިން ހަސަން އާމިރު
މި ދެ ޝަރަފުގެ އިތުރުން ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަމުގެ ނަމުގައިވެސް، ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަށް ޚިދުމަތްތެރިއެއްގެ އަގު ވަޒަންކުރިއެވެ. އަދި މިދިޔަ އަހަރު އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އެވޯޑު ހާސިލުކުރި ނޫސްވެރިންނަށްވެސް އެވޯޑު ދިނެވެ.