11 Dec 2018, 23:10
ނޫސްވެރިކަން ނެތި ކޮށްލުމަށް ކުރީގެ ސަރުކާރުން ޖަހާފައި ހުރި މަޅިތައް މި ސަރުކާރުން ނައްތަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބިލް ފާހަގަކުރުމަށާއި، އެކި ދާއިރާތަކުން އެންމެ މޮޅު ނޫސްވެރިންނަށް އިނާމު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދާހިލީ ވަޒީރު އިމްރާން ވިދާޅުވީ، މިނިވަން ނޫސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކޮށްފައިވާ ކަމަށާއި އެ ކަންކަމަކީ މި ސަރުކާރުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ.
"ނޫސްވެރިން ކަތި އަޅުވާ ދަތިކޮށް ވައްޓާލުމަށް ޖެއްސިފައިވާ ހުރިހާ މަޅިތައް މާތްﷲ އިރާދަކުރެއްވިއްޔާ މި ސަރުކާރުން ނައްތާލާނަން،" އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ނޫސްވެރިން ޖަލަށްލައި ދީފައިވާ އަނިޔާތަކަށް މި ސަރުކާރުން ނިމުމެއް ގެންނާނެކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ، ގާނޫނު އަސީސީން މިނިވަން ނޫސްވެރިކަން ކުރުމަށް ލިބޭ މަގު މި ސަރުކާރުން ދައްކުވައިދޭނެ ކަމަށެވެ.
ޑިމޮކްރަސީއެއް ދެމިއޮތުމުގައި އެންމެ އަސާސީ އެކައްޗަކީ މިނިވަން ނޫސްވެރިކަން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މިނިވަން ނޫސްވެރިކަމެއް ނެތިކޮށްލާ ހިސާބުން ދެން ފެށިގެން ދާނީ ހުދުމުހުތާރު ވެރިކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
އެހެންކަމުން އިމްރާން ވަނީ ގައުމީ މަސްލަހަތު ހާސިލްވާނެ ގޮތަށް ނޫސްވެރިކަން ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ނޫސްވެރިކަން ކުރައްވާއިރު، މުޖުތަމައުގެ އަހްލާގިއްޔާތު ހިފެހެއްޓުމާއި ގައުމީ ކަމެއް ކަމަށް ދެކިގެން ދިވެހިބަސް ކުރިއެރެވުމަށް މަސައްކަތް ކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
"މިކަންކަން ފުރިހަމަކުރެވިއްޖެނަމަ އަޅުގަނޑުމެންގެ ނޫސްވެރިންނަކީ މި މުޖުތަމައު ބިނާކުރުމުގެ އެއް ތަނބަށް ވެގެންދާނެ. އަޅުގަނޑުމެންގެ މުޖުތަމައުއަކީ ނޫސްވެރިންނާ މީޑިއާ އެކުގައި ކުރިއަރައި ތަރައްގީ ވެގެންދާ ކަމަކަށް ވެގެންދާނެ،" އިމްރާން ވިދާޅުވިއެވެ.