އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަސަން ޝާހު އައްޔަނު ކުރައްވައިފިއެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސ. މަރަދޫފޭދޫ ބަގީޗާގޭ ހަސަން ޝާހު، އެމްޓީސީސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޝާހުއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން އެ ޕާޓީ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރެއްވި ޝާހު ވަނީ މީގެ ކުރިން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސެކެޓްރީ ޖެނަރަލްގެ މަގާމުވެސް އަދާކުރައްވާފައެވެ.

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އޭނާ ވަނީ، އެމްޕީއެލްގެ ޗެއާމަންކަންވެސް އަދާކޮށްފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރު ވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ވެރިންނަށް ބޭފުޅުން އައްޔަނުކޮށްފައެވެ.

އެގޮތުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ކަމަށް ހުސައިން އަމްރު މުހައްމަދު، އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރުކަމަށް އާދަމް އާޒިމް، އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ޝާހިދު އަލީ، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ހަސަން މުޣްނީ އަދި އައިލެންޑް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރުކަމަށް މުހައްމަދު ރިޒްވީ ވަނީ އައްޔަނުކޮށްފައެވެ.

އަދި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗު ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަގާމަށް އިބްރާހިމް ސަލީމް (ކުޑަ ބަންދޭ)ވެސް ވަނީ ދާދި ފަހުން އައްޔަނުކޮށްފައެވެ.