ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވިގޮތަށް މިއަދު ވެސް އަމަލަކުރަމުންދާ ކަމަށާއި އެ ގޮތުގައި ހުރިހާ ހިނދަކު ޖުމްހޫރީ ޕާޓީން ސާބިތު ކަމާއި އެކު އޮންނާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެ ޕާޓީއަށް އަލަށް ގުޅިވަޑައިގަތް ބައެއް މެންބަރުންނަށް މަރުހަބާ ދެންނެވުމަށް ކުނޫޒްގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި އެމްޑީޕީ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމި ނަމަވެސް ރައީސް ސޯލިހުގެ ސްޓޭންޑަކީ އެމަނިކުފާނު މީގެ ކުރިން ވެސް އެއްބަސްވެފައިވާ ގޮތަށް އަމަލު ކުރުން ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ދަންނަވާފައިވާ ކަން އެނގިފައިވާ ކަމަށެވެ.

އަދި ރައީސްގެ ސްޓޭންޑަކީ ވެރިކަމަށް އުއުމަށް އުފެއްދި ކޯލިޝަން ދެމެހެއްޓުން ކަން ގާސިމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ޔަގީންކޮށް އަރުވަނީ އަޅުގަނޑުމެން މި ތިބީ އެމަނިކުފާނާއި އެކީގަ ކަން. އެމަނިކުފާނުގެ ސާބިތުކަމާއި އެހުންނެވި އިހްލާސްތެރިކަމާއި އެކީގަ އެމަނިކުފާނު ކުރިއަށް ވަޑައިގަތުމުގަ އަޅުގަނޑުމެން ޖުމްހޫރީ ޕާޓީގެ ފަރާތުން އަޅުގަނޑުމެންގެ އާއިލާއާ އަޅުގަނޑުގެ ފަރާތުން އެމަނިކުފާނަށް ހަމަ ގައިމު ވެސް ހިފެހެއްޓުމެއްނެތް ސަޕޯޓާއި މަދަދު އަޅުގަނޑުމެން އެމަނިކުފާނަށް އަބަދުވެސް ފޯރުކޮށްދެމުން ގެންދާނެ ކަން ކަށަވަރުކަން ޔަގީންކަން ދެން. އެމަނިކުފާނުގެ އެ ނިންމެވުންތަކާއި ކުރީގައި އެ ވެވަޑައިގެންފައިވާ ވައިދުތަކާ އެއް ގޮތަށް އެމަނިކުފާނު ވަޑައިގަންނަވާ ހިނދަކު،" ގާސިމް ވިދާޅުވި އެވެ.

ގާނޫނުގެ ތެރެއިން މި ސަރުކާރުން ކަންކަން ކުރަމުންދާހާ ހިނދަކު، ބަޔަކު ކޮންމެ ވާހަކަ އެއް ދެއްކި ނަމަވެސް އަދި ކޮންމެ ނިންމުމެއް ނިންމި ނަމަވެސް ޖޭޕީން އެކަމަށް ފަރުވާލެއް ނުދޭނެ ކަން ގާސިމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު އެންމެ އުފާވަނީ މިއަދު ވެސް އެމަނިކުފާނު އަދި މިހާތަނަށް އެމަނިކުފާނު އެ ވަޑައިގެންފައިވާ ވައުދާއި އެއް ގޮތަށް މިހާތަނަށް ކަންތައްތަށް ކުރައްވަމުން ވަރަށް ސާބިތުކަމާއި އެކު ގެންދަވާތީ އެކަމަށްޓަކައި އެމަނިކުފާނަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަމިއްލަ ނަމުގެ އަދި ޖޭޕީގެ ނަމުގައި ދަންނަވަން،" މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ރޭ މުލިއާގޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން ވާދަ ކުރުމަށް ގޮނޑިތައް ބަހާނެ ގޮތުގެ ފޯމިއުލާއެއް ނެރުމާ ބެހޭ ގޮތުން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވަނީ ވިދާޅުވެފަ އެވެ.