14:30


ރައްޔިތުންގެ މުދަލާއެކު ގއ، ދިޔަދޫ ވަރުވާއަށް ލިޔެދީ އެރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުކުރުމަށް އަމިއްލަ ފަރާތަކާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ބާތިލް އެއްޗެއް ކަމަށް ގެމަނަފުށީ ކޯޓުން ހުކުމްކޮށްފި އެވެ.


ގއ. ގެމަނަފުށީ ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ފަޅުރަށްތައް ވަރުވާއަށް ލިޔެދިނުމުގެ ގަވާއިދާއި ޚިލާފަށް ގއ. ދިޔަދޫ އެރަށުގެ ރައްޔިތުންގެ މުދަލާއެކު ގއ. އަތޮޅު އޮފީހުން ގއ. ވިލިނގިލީ، އިރުމަތީގެ އަހުމަދު ކާމިލަށް 24 ފެބްރުއަރީގައި ވަރުވާއަށް ލިޔެދީ އެގްރީމަންޓްކޮށްފައި ވަނީ ޤާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި ދިޔަދޫ ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަށް އެ އެއްބަސްވުން ހަދާފައިވާތީ އިއްޔެ އިން ފެށިގެން އެ އެއްބަސްވުމަކީ ބާތިލް އެއްޗެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.


ދިޔަދޫ ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުކުރުމަށް ވެވޭ އެއްބަސްވުމުގެ ނަމުގައި ވެފައިވާ އެ އެއްބަސްވުމުގައި ފަޅުރަށްރަށް ދޫކުރުމާއި، ހަވާލުކުރުމާއި، ބެލެހެއްޓުމާއިބެހޭ ގޮތުން ސަރުކާރުން ހައްދަވާފައިވާ އެންމެހާ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިޔަދޫ ފަޅުރަށެއްގެ ގޮތުގައި އަހުމަދު ކާމިލްއާއި ހަވާލުކޮށްފައިވަނީ އިއުލާންކުރުމެއްނެތި ކަން ގއ. އަތޮޅު އޮފީހުން އެކޯޓަށް ފޮނުވި ލިޔުންތަކުން ސާބިތުވާ ކަމަށާއި، އަދި އެރަށަކީ ފަޅުރަށެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ރަށެއް ނޫންކަން އެ މިނިސްޓްރީން އަންގާފައިވާ ކަމަށްވެސް ކޯޓުގެ ހުކުމުގައި  ބުނެފައިވެ އެވެ.


މީގެއިތުރުން ދިޔަދޫ ފަޅުރަށެއްގެ ގޮތުގައި އަހުމަދު ކާމިލްއަށް 24 ފެބްރުއަރީގައި ހަވާލު ކޮށްފައި ވަނީ  އެރަށުގައިވާ ބަންޑާރަ ބިމާއި، މުދަލާއި ރުއްގަހާއި، އަމިއްލަ މީސްމީހުންގެ މިލްކިއްޔާތުގައި ހިމެނޭ ރުއްގަހާއި މުދާ ހިމެނޭހެން މުޅިރަށް އެއްކޮށް ކަމަށް އެއްބަސްވުމުގައި ބުނެފައިވާއިރު، ދިޔަދޫ ރައްޔިތުންގެ ހިފާގެންގުޅޭ ތަކެއްޗާއި، ނުއުފުއްލޭ ހަރު މުދަލާއި ރުއްގަސް އެ ރަށުގައި ހުރި ކަމަށާއި، މިތަކެއްޗަށް އަދުލުވެރި ބަދަލެއް ދީފައިނުވާކަން ސާބިތުވާ ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.


އަހުމަދު ކާމިލްއާއި ދިޔަދޫ ހަވާލުކުރި ފަހުން ރައްޔިތުންގެ މުދާ ވަގަށްނަގައި، ބޭނުންކޮށް ހަލާކުކޮށް ރުއްގަހުންއަޅާ ހަދަމުންދާ ކަމަށާއި، އަދި މިރަށަށް ދިޔަދޫ ރައްޔިތުން އެރުން އަހުމަދު ކާމިލް މަނާކޮށްފައިވާކަންވެސް ދައުވާކުރާ ފަރާތުންނާއި ހެކިންގެ ހެކިބަހުން ސާބިތުވެފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.


ސަރުކާރުން ދިޔަދޫ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސި ފަހުން އެރަށު މީހުން ދިރިއުޅެމުން އަންނަނީ އެއަތޮޅު ގެމަނަފުށީގައާއި، ކޮނޑޭ އަދި ލ. ގަމުގަ އެވެ.