11 Dec 2018, 15:46
ކޮލަމްބޯ (ޑިސެމްބަރު 11): ރަނިލް ވިކްރަމަސިންހަ އަލުން ބޮޑުވަޒީރު ކަމަށް އައްޔަން ނުކޮށްފި ނަމަ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި އެތައް ހާސް މީހުން މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވައިފި އެވެ.
މިދިޔަ އޮކްޓޯބަރު މަހު ވެރިކަމުން ދުރު ކުރި ވިކްރަމަސިންހަ ވިދާޅުވި ގޮތުގައި ޕާލިމެންޓުގެ ތާއިދު އޮތީ އަދި ވެސް އޭނާ އަށެވެ. އެހެންކަމުން އެކަން ބަލައިގަނެ، ވިކްރަމަސިންހަ ބޮޑުވަޒީރު ކަމަށް ގެނައުމަށް ރައީސް މައިތިރިޕާލާ ސިރިސޭނާއަށް އޭނާ ވަނީ ހުކުރު ދުވަހާ ހަމައަށް މުހުލަތު ދެއްވާފަ އެވެ.
ލަންކާގެ ޕާލިމެންޓުން ވަނީ މިހާރު ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައިވާ މަހިންދަ ރާޖަޕަކްސައަށް އިތުބާރު ނެތް ކަމަށް ދެ ފަހަރު ވޯޓު ދީފަ އެވެ. ނަމަވެސް ސިރިސޭނާ ވަނީ އެވޯޓުގެ ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހައްދަވައިފަ އެވެ.
ވިކްރަމަސިންހަ މަގާމުން ދުރު ކުރެއްވުމަށް ފަހު ސިރިސޭނާ އެގައުމުގެ ޕާލިމެންޓު އުވާލެއްވި އެވެ. ނަމަވެސް މިދިޔަ މަހުގެ 13ގައި ސުޕްރީމް ކޯޓުން ވަނީ ޕާލިމެންޓު އުވާލަން ނެރުނު އަމުރު ވަގުތީ ގޮތުން ބާތިލުކޮށްފަ އެވެ. އަދި ސިރިސޭނާ އެއަމުރު ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަން ނުވަަތަ ނޫން ކަން ސުޕްރީމް ކޯޓުން މިހަފްތާގައި ނިންމާނެ އެވެ.
ވިކްރަމަސިންހަ ވިދާޅުވާ ގޮތުގައި ކޯޓުން އެމައްސަލަ ނިންމާނީ ސިރިސޭނާއާ ދެކޮޅަށެވެ.
"ކޯޓުގެ ނިންމުމަށް ފަހު، މިމައްސަލަ ނިންމުމަށް ރައީސަށް މަޖުބޫރު ކުރުމަށް ޓަކައި އަޅުގަނޑުމެން "ޕީޕަލް ޕަވާ" ކެމްޕެއިން ފަށާނަން." ވިކްރަމަސިންހަ ނެރުއްވި ބަޔާނެއްގައިވެ އެވެ.
މިދިޔަ ހަފްތާގައި ލަންކާގެ ކޯޓަކުން ވަނީ ރާޖަޕަކްސަގެ ވެރިކަމަކީ ގާނޫނީ ވެރިކަމެއްކަން ކަނޑައެޅެންދެން، ރާޖަޕަކްސަ އާއި މިނިސްޓަރުންގެ ބާރުތައް ހިފަހައްޓަން ނިންމައިފަ އެވެ.