11 Dec 2018, 14:09
ލަންޑަން(ޑިސެމްބަރު 11): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާ ބެހޭ ގޮތުން ހަދާފައިވާ އެއްބަސްވުމަށް އެގައުމުގެ ޕާލިމެންޓުގެ ރުހުން އޮތްތޯ ބެލުމަށް މިއަދު ނަގަން އޮތް ވޯޓު ފަސްކޮށްފިއެވެ.
އެ އެއްބަސްވުމާ ބެހޭ ގޮތުން ޕާލިމެންޓުގައި ބަހުސް ކުރާތާ ތިން ދުވަސް ފަހުން އެވޯޓު ފަސް ކުރަން ބޮޑުވަޒީރު ތެރީސާ މޭ ނިންމެވީ، އެއެއްބަސްވުމަށް ރުހުން ނުލިބޭނެކަން އެނގިލައްވާތީ ކަމަށް މޭ ވިދާޅުވިއެވެ. އަދި ބްރަސެލްސްއަށް ވަޑައިގެން އެއްބަސްވުމާ ބެހޭ އިތުރު މަޝްވަރާތައް އީޔޫއާ އެކު ކުރައްވާނެ ކަމަށް މޭ ވިދާޅުވިއެވެ.
ނަމަވެސް އެއެއްބަސްވުމަށް ރުހުން ހޯދުމަށް ދެން ޕާލިމެންޓުގައި ވޯޓަށް އަހާނެ ދުވަހެއް މޭ ހާމަ ނުކުރައްވައެވެ. އޭގެ ސަބަބުން ބައެއް އިދިކޮޅު މެމްބަރުން ވަނީ ނުރުހުން ފާޅުކޮށް، މޭގެ އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނެގުމަށް ގޮވާލާފައެވެ.
އަދި ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ވަނީ މިހާރު ހަދާފައިވާ ބްރެގްޒިޓް އެއްބަސްވުމަށް ބަދަލު ގެނައުމަށް އީޔޫގެ ގައުމުތަކުން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.
އެ އެއްބަސްވުމާ ބެހޭ ގޮތުން އެންމެ ބޮޑަށް ދެބަސްވުން އުފެދިފައި ވަނީ އީޔޫއާ އެކު ހަދާފައިވާ ކަސްޓަމްސް އެއްބަސްވުމަކާ ގުޅިގެންނެވެ. އެއެއްބަސްވުމުގައި ވަނީ ނަދަން އަޔަލޭންޑާއި ރިޕަބްލިކް އޮފް އަޔަލޭންޑުގެ ބޯޑަރުގައި އީޔޫގެ ޗެކް ޕޮއިންޓުތައް ބެހެއްޓުމުގެ ބަދަލުގައި، ޔޫކޭގެ އެހެން ސަރަހައްދުތަކުން ނޮދަން އަޔަލޭންޑަށް ފޮނުވާ އުފެއްދުންތައް އީޔޫގެ ހަމަތަކަށް ފެތޭތޯ ބަލަން ނިންމާފައެވެ.
އެ އެއްބަސްވުމާ ދެކޮޅު ހަދާ މެމްބަރުން ވަނީ އޭގެ ސަބަބުން ނޮދަން އަޔަލޭންޑާއި ޔޫކޭގެ އެހެން ގައުމުތަކާ ތަފާތު ކުރެވޭ ކަމަށާއި އޭގެ ސަބަބުން އިނގިރޭސިވިލާތް އީޔޫއިން ވަކިވި ނަމަވެސް، އެގައުމުން އީޔޫގެ ގަވާއިދުތަކަށް ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.