01 Oct 2011, 13:55
ގއ. ވިލިނގިލީ ބަނދަރުތެރެ އަށް ފެތި އަޑިއަށް ގޮސްފައިވާ ދޯންޏެއް 48 ގަޑިއިރުގެ ތެރޭގައި ނެގުމަށް ފުލުހުންގެ މައްޗަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
މ. ސްނޯލައިޓް އަހުމަދު އިބްރާހީމް ހުސައިން ލީޒިން ކޮމްޕެނީން ނަގާފައިވާ "ސްޕީޑް" ދޯނި ބަނދަރުން ނެގުމަށް ފުލުހުންގެ މައްޗަށް ވިލިނގިލީ ކޯޓުން އަމުރުކުރީ، އެ ދޯނި އެތަނުގައި އޮވެ، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، ދޯނި ނަގައިދިނުމަށް ރަށު ކައުންސިލްގެ ފަރާތުން އެދިފައިވާތީ ކަމަށް މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވެ އެވެ.
ކޯޓް އަމުރުގައި ބުނެފައި ވަނީ ފުލުހުންގެ ގާނޫނުގައި މުޖުތަމައަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުން މުޖުތަމައު ސަލާމަތްކޮށްދިނުމާއި މީހުންގެ ފުރާނަ އާއި ގޯތިގެދޮރާއި މުދައު ސަލާމަތްކޮށް ދިނުމަކީ ފުލުހުންގެ ވާޖިބެއް ކަމަށްވާތީ އެވެ.
ވިލިނގިލީ ކައުންސިލުން މިއަދު ބުނީ އެ ދޯނި ބަނދަރުން ނަގައިދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއްކޮށްދިނުމަށް ކޯޓްގައި އެދުނީ، ތަކުރާރުކޮށް ދޯނީގެ ވެރިފަރާތާއި ފުލުހުންގެ ކިބައިގައި އެދިގެން ވެސް އެކަން ނުވެ ދިގުލާތީ ކަމަށެވެ.
ދޯނި އަޑީގައި އޮންނަތާ މަސް ދުވަސްވަރު ވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.