ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފިއެވެ.

ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.

އެ އިސްލާހު މަޖިލީހަށް ބަލައިގެންނަން ފާސްކޮށްފައިވަނީ 56 މެމްބަރުންގެ ވޯޓާ އެކުއެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ވަނީ އިތުރު ސުރުހީއެއްގެ ދަށުން މާއްދާތަކެއް އިތުރުކޮށްފައެވެ. އޭގައި ބުނެފައި ވަނީ ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ކަމަށެވެ.

އޭގެ އިތުރުން ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ ވަކި އަދަދަކަށް ފައިސާ ޕެންޝަން އެކައުންޓުގައި ހުންނަ ފަރާތްތަކަށް ކަމަށް ވެސް ޕެންޝަން ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

  • އެ ފަރާތަކީ ޕެންޝަން ލިބޭ އުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާ، މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރުގެ ފައިސާ، ހައްޖު ވުމަށް ހުށަހަޅާ ރިޓަޔަމެންޓް ސޭވިންގް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށް ވުން

ހައްޖުވުމަށް ފައިސާ ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 50 ޕަސެންޓް ކަމަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެއެވެ.

ޕެންޝަން ފަންޑުން ފައިސާ ބޭނުންކޮށްގެން އަހަރަކު ހައްޖަށް ދެވޭނީ ކިތައް މީހުންނަށްކަން ކަނޑައަޅާނީ ޕެންޝަން އޮފީހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.