ދަނޑުވެރި ކަމަށް އެތެރެކުރާ ތަކެތިތިން ޑިއުޓީ ކަނޑާލަން މަޖިލީހުން ފާސްކޮށްފި އެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެވެ. އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ އެންމެހާ ތަކެއްޗަކީ އިމްޕޯޓު ޑިއުޓީ ނަގަން ނުޖެހޭ އެއްޗިހީގެ ގޮތުގައި ހެދުމަށެވެ.

ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތީން މިހާރު ނަގަނީ 10 ޕަސެންޓްގެ ޑިއުޓީއެކެވެ.

އެ އިސްލާހު އިއްޔެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި ވަނީ އެ އިސްލާހު ހުށަހެޅި ގޮތަށް ފާސް ކުރުމަށެވެ. މިއަދު މަޖިލީހުގައި ކޮމިޓީން ނިންމި ރިޕޯޓަށް ވޯޓަށް އެހުމުން 56 މެމްބަރުން ވަނީ ފާސް ކުރަން ވޯޓު ދީފަ އެވެ.

ދަނޑުވެރިކަމަށް އެތެރެކުރާ އެއްޗިހިން އިމްޕޯޓު ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ ވައުދެކެވެ.

މީގެ ކުރިން އިމްޕޯޓް ޑިއުޓީ ނުނަގާ ތެކެތީގެ ތެރޭގައި ދަނޑުވެރި ކަމަށް އެތެރެކުރާ ތަކެތި ނުހިމެނެ އެވެ. އެހެންވެ އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ ތަކެތީގެ ތެރެއަށް ދަނޑުވެރި ކަމަށް އެތެރެކުރާ ތަކެތި އިތުރު ކުރަން ވަނީ ހުށަހަޅައިފަ އެވެ.

މިހާރު އިމްޕޯޓް ޑިއުޓީ ނުނަގާ ތަކެތީގެ ތެރޭގައި ހަނޑޫ ހަކުރު ފުށާއި މުސްހަފާއި ގުރުއާނުގެ ވަކި ވަކިން ހުންނަ ބައިބައި ހިމެނެ އެވެ. އަދި ދަތުރުވެރިން ގެންނަ ތަކެތިން ޑިއުޓީ މާފު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އަދަދަކަށް ޑިއުޓީ ނުނަގާ ގޮތަށް ވަނީ ގާނޫނުގައި ލިޔެފަ އެވެ.