11 Dec 2018, 12:22
އެޕަލްއިން އުފައްދާ އައިފޯނުގެ ބައެއް މޮޑެލްތައް ޗައިނާއަށް އެތެރެ ކުރުމާއި ވިއްކުން މަނާ ކުރާ އަމުރެއް ޗައިނާގެ ކޯޓަކުން ނެރެފި ކަމަށް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކުއަލްކޮމްއިން ބުނެފި އެވެ.
މައިކްރޯޗިޕް އުފައްދާ ކުންފުންޏެއް ކަމަށްވާ ކުއަލްކޮމްއިން ބުނި ގޮތުގައި ޗައިނާގެ ކޯޓަކުން ވަނީ، އެކުންފުނިން ޕޭޓެންޓުކޮށްފައިވާ ދެ ޓެކްނޮލޮޖީއެއް އެޕަލްއިން ގަވާއިދާ ހިލާފަށް ބޭނުން ކުރަމުންދާ ކަމަށް ނިންމާފަ އެވެ.
އެހެންކަމުން އައިފޯނު 6އެސް އިން ފެށިގެން އައިފޯން ޓެންއާ ހަމައަށް ނެރެފައިވާ މޮޑެލްތައް ޗައިނާއަށް އިމްޕޯޓު ކުރުމާއި އެގައުމުގައި ވިއްކުން ކޯޓުން ވަނީ މަނާކޮށްފަ އެވެ.
އެއީ ފޮޓޯ ރީސައިޒު ކުރުމާއި ޓަޗް ސްކްރީނެއްގައި އެޕްތައް މެނޭޖު ކުރުމާ ބެހޭ ދެ ފީޗާ އެވެ.
ނަމަވެސް އެޕަލްއިން ވަނީ އައިފޯނުގެ ހުރިހާ މޮޑެލްއެއްވެސް ޗައިނާގެ ކަސްޓަމަރުންނަށް ލިބެން ހުރި ކަމަށް ބުނެފަ އެވެ. އަދި ކުއަލްކޮމްއަކީ "ގަވާއިދާ ހިލާފަށް ކަންތައްތައް ކުރުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަހުގީގު ކުރަމުންދާ ކުންފުންޏެއް" ކަމަށާއި ކޯޓުގެ ނިންމުން ބަދަލު ކުރުމަށް އެދި މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.
ކުއަލްކޮމްއަކީ މޮބައިލްފޯނުތަކުގައި ބޭނުން ކުރާ ޕްރޮސެސާ އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. އަދި އެކުންފުނިން ޕޭޓެންޓުކޮށްފައިވާ ޓެކްނޮލޮޖީ އެޕަލް އާއި އެހެނިހެން ފޯނު އުފައްދާ ކުންފުނިތަކުންވެސް ބޭނުން ކުރެ އެވެ.