11 Dec 2018, 12:01
އޭޝިއާ ސަރަހައްދުގެ ކުލަބް ފުޓުބޯޅަ މުބާރާތް، އޭޝިއަން ކަޕް ކުޅުމުގެ ފުރުސަތު ރާއްޖޭގެ ކުލަބުތަކަށް ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ރާއްޖެއަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނީ ކްލަބްތަކަށް ލައިސަންސް ނުލިބުމުންނެވެ. ލައިސެންސް ނުލިބުނީ ކުލަބްތަކުން ލިޔެކިޔުންތައް ހުށަނޭޅުމުން ކަމަށް އޭރު އެފްއޭއެމުން ބުނެފައިވެ އެވެ. ނަމަވެސް ބައެއް ކްލަބްތަކުން ބުނެފައި ވަނީ ލައިސަންސް ލިބޭ ވަރަށް ލިއެކިޔުންތައް ހުށަހަޅައިފައި ވާނެ ކަމަށެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަދި ކުރީގެ ގައުމީ ޓީމް މެނޭޖަރު އަހްމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލުނު ސަބަބު ހޯދައި، އިސްލާހު ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ފެކްޓް ފައިންޑިން ކޮމިޓީއެއް އެކުލަވާލައިފާވާ ކަމަށެވެ.
އަދި އެ މަސައްކަތް ކުރެވޭނީ ކްލަބްތަކާއި އެފްއޭއެމް އާއި އޭއެފްސީއާ ގުޅިގެން ކަަމަށް އެނާ ލިޔުއްވާފައިވެއެވެ.
ކޮމިޓީގައި ހިމެނެނީ އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ ކުރީގެ ޗެއާމަން އަހުމަދު ޝާހިރާއި އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، ނިއު ރޭޑިއަންޓުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކް، ވިކްޓަރީގެ އަހުމަދު ނަސީމް (ޕެރިސް) އަދި ކްލަބް ވެލެންސިއާ އާއި އެފްއޭއެމްގައި ގިނަ މަސައްކަތްތަކެއް ކުރި އަހުމަދު މުހައްމަދު (ދޮނާ) އެވެ.
އޭއެފްސީ ކަޕަކީ 2004 ވަނަ އަހަރުން ފެށިގެން ރާއްޖެ ވާދަކުރަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް މީގެ ކުރިން ލިބިފައިވާ މުބާރާތެކެވެ. އަދި ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތައް އަތުން މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ވެސް ހޯދައިފަ އެވެ. އެގޮތުން މުބާރާތުގައި އެންމެ ބޮޑު ކާމިޔާބެއް ލިބިފައިވާ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި އަދި 2013 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.