01 Oct 2011, 13:00
މެންޗެސްޓާ ސިޓީއިން ސަސްޕެންޑު ކޮށްފައިވާ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް އަށް ވެސްޓް ހާމް ޔުނައިޓެޑުން ހުށަހެޅި އަގު ސިޓީއިން ދޫކޮށްލައިފި އެވެ. މެންޗެސްޓާ ސިޓީ އިން މިހާރު ދަނީ ޓެވޭޒް ގެ އަހުލާގީ މައްސަލަތައް ބަލާ ތަހުގީގު ކުރަމުން ނެވެ.
ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ޖަރުމަންގެ ބެޔާން މިއުން އަތުން 2-0 ލަނޑުން ސިޓީ ބަލިވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށް ޓެވޭޒް ދެކޮޅު ހެދުމުން މެންޗެސްޓާ ސިޓީއިން ދެ ހަފުތާއަށް އޭނާ ސަސްޕެންޑް ކޮށް، ފަހުން އެ ސަސްޕެންޑް ވަނީ ޖެނުއަރީ މަހާއި ހަމައަށް އިތުރު ކޮށްފައެވެ.
ލޯނުގެ ގޮތުން ޓެވޭޒް ގެންދިއުމަށް މަސައްކަތްކުރާ ވެސްޓް ހާމް އަކީ މިދިޔަ ސީޒަނުގައި ޕްރެމިއާ ލީގުން ރެލިގޭޓް ވެފައިވާ ޓީމެކެވެ. ދެހާސް ހަވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ހަމައަށް ވެސްޓް ހާމް އަށް ކުޅުނު ޓެވޭޒް ހޯދުމަށް އެކުލަބުން މަސައްކަތްކުރަނީ ތިން މަސްދުވަހުގެ ލޯނެއްގެ ދަށުންނެވެ. ޖެނުއަރީ ގެ ޓްރާންސްފާގައި ގެންދިއުމަށް ވެސްޓް ހާމް އިން މަސައްކަތް ކުރި ނަމަވެސް އެކަމަށް މިވަނީ ހުރަހެއް އެޅިފައެވެ.