ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ އެންމެ އިސް ފަރާތް، އިބްރާޙިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގަ އެވެ.

އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފު މިއަދު "ސަން" އަށް ވިދާޅުވީ އެއީ ރައީސް ސޯލިހު ބޭނުންފުޅުވެގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އޭނާ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ކުރިމަތިލަށްވާނެ ދާއިރާތައް ކަނޑައެޅުމަށް، އެމްޑީޕީ އިން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފައި ނުވެ އެވެ.

އެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުށަޙެޅުއްވުމާ އެކު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް އެ ޕާޓީން ވާދަކުރުމަށް ވަނީ ފާސް ކޮށްފަ އެވެ.

ރޭ ރާއީސް ސޯލިހް ގައުމީ މަޖިލިސް މެމްބަރުނާ ބައްދަލުކުރެެއްވި އިރު، ތިމާވެއްޓާ ބެހޭ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެ ޕާޓީގެ ރައީސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.