11 Dec 2018, 09:46
ދިއްލީ(ޑިސެމްބަރު 11): އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އުރުޖިތް ޕަޓޭލް އިސްތިއުފާ ދެއްވައިފިއެވެ.
ޕަޓޭލް ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވަނީ "އަމިއްލަ ސަބަބުތަކާ" ހެދިއެވެ. އަދި އޭނާ ވަނީ ބޭންކުގެ ކާމިޔާބީތަކުގެ ފަހަތުގައި ވަނީ އެތަނުގެ މުވައްޒަފުންނާއި އޮފިސަރުން ކަމަށް ވިދާޅުވެ އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
ދެހާސްސޯޅަ ވަނަ އަހަރު އާރުބީއައިގެ ގަވަރުނަރު ކަމަށް ވަޑައިގެންނެވި ޕަޓޭލް އަކީ 1992 ވަނަ އަހަރުގެ ފަހުން އެބޭންކުގައި އެންމެ ކުރު މުއްދަތަކަށް ގަވަރުނަރުކަން ކުރެއްވި ފަރާތެވެ.
ޕަޓޭލް އިސްތިއުފާ ދެއްވީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެމެދު ދެބަސްވުންތައް އުފެދިފައިވާ ކަމަށް ހަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެރިޕޯޓުތަކުގައިވާ ގޮތުން ސަރުކާރުން ބޭނުން ވަނީ، ލޯނުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބެމުންދާ ދައުލަތުގެ ބޭންކުތަކުން ކުދި ވިޔަފާރިތަކަށް ލޯނު ދެމުން ދިޔުމަށް އާރުބީއައިއިން ހުއްދަ ދޭށެވެ. އަދި ބޭންކުގެ އިންޓްރެސްޓު ރޭޓުތައް ދަށް ކުރާށެވެ.
އޭގެ ސަބަބުން ސަރުކާރަށް ފާޑު ކިޔާފައިވާ ފަރާތްތަކުގެ ތެރޭގައި އާރުބީއައިގެ ޑެޕިއުޓީ ގަވަރުނަރު ވިރާލް އަޗަރުޔާ ހިމެނެއެވެ. އަދި އޭނާ ވަނީ މަރުކަޒީ ބޭންކުގެ މިނިވަން ކަމަށް އިހުތިރާމު ކުރުމަށް ގޮވާލައްވާފައެވެ.