11 Dec 2018, 09:06
ޕެރިސް (ޑިސެމްބަރު 11) : ފަރަންސޭސި ރައްޔިތުންނަށް ކުރިމަތިވެފައިވާ އަތްމަތި ދަތިވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައްޔިތުންނަށް މަހުންމަހަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ނިންމިކަން އެގައުމުގެ ރައީސް އެންމަނުއެލް މެކްރޯން އިޢްލާން ކުރައްވައިފިއެވެ.
"ޔެލޯވެސްޓް" ހަރަކާތުން ފަރަންސޭސިވިލާތުގައި ކުރިޔަށްގެންދާ އިޙްތިޖާޖްތައް ދިގުލައިގެންގޮސް މުޅި ގައުމަށް ފެތުރި ރައްޔިތުންގެ ތާއީދު އެ ޙަރަކާތްތަށް ލިބެންފެށުމާއެކު ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ރައީސް މެކްރޯން ވިދާޅުވީ ފަރަންސޭސި ރައްޔިތުންގެ ގިނަބައެއްގެ އަތްމަތި ދަތިވެ ދިރިއުޅުމުގެ ފެންވަރު ދަށްވަމުންދާކަން އިޙްސާސް ކުރައްވާ ކަމަށާއި އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ރައްޔިތުންގެ އަތްމަތި ތަނަވަސްކޮށް ތަކެތި ގަތުމުގެ (ޕާޗޭސިންގް ޕަވަރ) ބާރު އިތުރުކުރުމަށް ޓަކައި ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމުގައެވެ.
މިފިޔަވަޅުތަކުގެ ތެރޭގައި ފަރަންސޭސިވިލާތުގައި މިހާރު އޮންނަ މިނިމަމް ވޭޖް (އެންމެ ކުޑަ މުސާރަ) ބޮޑުކުރުމާއި ވަޒީފާތައް އިތުރުކުރުމާއި ހުރިހާ ވަޒީފާތަކެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލެއް ގެނައުމުން ހިމެނޭކަމުގައެވެ. މި ބަދަލާއެކު އެންމެ ކުޑަ މުސާރަ ލިބޭމީހުންގެ މުސާރައަށްވެސް މަހެއްގެ މައްޗަށް 100 ޔޫރޯ އަންނަ ޖަނަވަރީން ފެށިގެން އިތުރުވެގެންދާނެ ކަމަށް މެކްރޯން ވިދާޅުވިއެވެ. މުސާރަތައް ބޮޑުކުރުމުގެ ތެރޭގައި ސަރުކާރުގެ މުސާރަތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ދަށްފަންތީގެ ވަޒީފާތަކާއި މެދުފަންތީގެ ވަޒީފާތަކުގެ މުސާރަ އިތުރުކުރަން މަޖްބޫރުވާ ގާނޫނެއް ވުޖޫދަށް ގެނައުންވެސް މުޒާހަރާތައް ހުއްޓުވުމުގެ މަގްސަދުގައި މެކްރޯން އިޢްލާން ކުރެއްވި އިޖުރާއާތު ތަކުގެ ތެރޭގައި ހިމެނެއެވެ.
މިދޔަ ނޮވެމްބަރު 17 ދުވަހު "ޔެލޯވެސްޓް" ހަރަކާތުގެ ނަމުގައި ފަރަންސޭސި ރައްޔިތުންގެ އެތަށް ހާސް ބަޔަކު ޕެރިހުގެ މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށާފައިވަނީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށްވިޔަސް އެކަމުގެ ފަހަތުގައިވާ ހަގީގީ މައްސަލައަކީ ފަރަންސޭސި ރައްޔިތުންގެ ގިނަބައެއްގެ އަތްމަތި ދަތިވުމާއި ދިރިއުޅުމުގެ ދަތިތައް އާދަޔާ ޚިލާފަށް ބޮޑުވެގެންދިޔުމެވެ. މިކަން ހާމަވީ ތެލުގެ އަގުހެޔޮ ކުރުމަށްޓަކައި ތެލުގެ ޓެކްސް އުވާލިނަމަވެސް މުޒާހަރަތައް ހުއްޓުމަކަށް ގެންނަން ރައްޔިތުން ބޭނުންނުވެ އަލުން މުޒާހަރާތައް ވަރުގަދަ ކުރަންފެށުމެވެ.
ފަރަންސޭސިވިލާތަކީ ސިނާއީ ގައުމުތަކުގެ ތެރެއިން ރައްޔިތުންގެ އަތުން އެންމެ ގިނައިން ޓެކްސް ނަގާ ގައުމެވެ. މިކަމުގެ ސަބަބުން ފަރަންސޭސި ރައްޔިތުންގެ ގިނަބައެއްގެ އަތްމަތި ދަތިވެ ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ހިސާބަށް ގޮސްފައިވާތީ ރައްޔިތުންގެ ގިނަބަޔަކު ރުޅިއައިސްފައިވާތާ އަހަރުތަކެއް ވެއްޖެއެވެ. ފަރަންސޭސި ރައްޔިތުންގެ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ޒުވާން ބޭފުޅެއް ކަމަށްވާ މެކްރޯންގެ ވެރިކަމުގައި މުޒާހަރާތަކަށް ނުގޮސް މިމައްސަލަތައް ހައްލުވާނެކަމުގައެވެ.
ނަމަވެސް ޒަމާނުއްސުރެ ފަރަންސޭސިވިލާތުގައި އޮތް މިމައްސަލަ ހައްލުނުވުމުން ފަރަންސޭސި އެހެން ރައީސުންނެކޭ އެއްގޮތަށް މެކްރޯންގެ މަގްބޫލުކަންވެސް ފަރަންސޭސި އާންމުންގެ މެދުގައި ވަރަށްބޮޑަށް ދަށަށްގޮސް އެންމެ ފަހުން ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދާއެކު"ޔެލޯވެސްޓް" ހަރަކާތުގެ ނަމުގައި ރައްޔިތުން ސަރުކާރާ ދެކޮޅަށް އިޙްތިޖާޖް ކުރަން ފެށިތާ މިހާރުވަނީ ތިން ހަފްތާވެފައެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަނޅުކޮށް އަތްމަތި ތަނަވަސްކޮށް ދިނުމަށް ރައީސް މެކްރޯން އެންމެފަހުން ނިންމެވި މި ނިންމެވުންތަކާއެކު މުޒާހަރާތައް ހުއްޓުމަކަށް އަންނާނެ ކަމަށް ފަރަންސޭސި ލީޑަރުން އުންމީދު ކުރެއެވެ. (ނޫސްއެޖެންސީތައް)