01 Oct 2011, 12:54
މިސީޒަނުގައިގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އެކުލަބުގެ ވެރިޔާ ސްޓޭން ކްރޮއެންކޭ ތައުރީފު ކޮށް، ވެންގާ އަކީ އެންމެ މޮޅެތި ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއްކަމަށް ބުނެފި އެވެ.
މިސީޒަނުގައި އާސެނަލްގެ މެދުތެރޭގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ސާމިރް ނަސްރީ އާއި ސެސް ފެބްރިގާސް ޓީމު ދޫކޮށް ދިއުމުން އެޓީމުގެ މެދުތެރެއަށް ބޮޑު އުނިކަމެއް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިސީޒަނުގައި ލިބެމުން ދިޔަ ނާކާމިޔާބީ އާ އެކުވެސް އާސެނަލް ކޯޗު މަގާމުގައި ބަހައްޓާނެ ކަމަށް ބުނަމުންދިޔަ އެކުލަބުގެ ވެރިޔާ ކްރޮއެންކޭ، ކޯޗަށް ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވާ ކަން ފާހަގަކުރެވެއެވެ.
"ވެންގާ އަށް އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅެތި ކޯޗުންގެ ތެރޭގައި ހިމެނޭ އެކަކު. މީގެ އިތުރުން ވެންގާ އަކީ ވިހި އަހަރު ތެރޭ އަހަރެންނާއި ބައްދަލުވި އެންމެ ރަނގަޅު މީހުންގެ ތެރޭ އެކަކު." ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކްރޮއެންކެ ބުންޏެވެ.
އާސެނަލް ވެންގާ 15 ވަނަ އަހަރަށް ކޯޗު ކޮށްދޭން ފަށާފައިވާ އިރު، އޭނާ އަށް އަމާޒުވެފައިވާ އެންމެ ބޮޑު ފާޑު ކިޔުމަކީ ކުލަބަށް ތައްޓެއް ކާމިޔާބު ނުކޮށްދެވޭތާ އަހަރު ފާއިތު ވެގެން ދިއުމެވެ. ނަސްރީ އާއި ފެބްރިގާސް ގިނަ ދުވަސްތަކަކަށްފަހު އާސެނަލް އާއި ވަކިވީ ތައްޓެއް ނުލިބި ގިނަ ދުވަސްތަކެއް ވާތީ ކަމަށް ގިނަ ރިޕޯޓް ތަކަކުން ބުނަމުން ދެއެވެ.
ކްރޮއެންކޭ ބުނާގޮތުގައި ފެބްރިގާސް މިހާރު އެހުރި މަގާމުގައި އެހުރީ ވެންގާގެ ސަބަބުން ކަމެވެ. "ބާސެލޯނާގެ ޒުވާން ޓީމުން އާސެނަލް އަށް ފެބްރިގާސް ގެނެސް އުމުރުން 16 އަހަރުން ފެށިގެން އޭނާ އަށް ކުރިއެރުން ހޯދައިދިނީ ކޯޗު ވެންގާ. ބާސެލޯނާގެ ކުޅުންތެރިއަކަށް އެވީ ވެންގާ އެކަމަށް އެއްބަސްވުމުން. ވެންގާ އަލުން ޒުވާން ކުޅުންތެރިން ތަކެއް ކުރި އަރުވާނެ." ކްރޮއެންކޭ ބުންޏެވެ.
ފެބްރިގާސް މިސީޒަނުގައި ބާސެލޯނާ އަށް ބަދަލުވި އިރު، ނަސްރީ ގޮސްފައިވަނީ މެންޗެސްޓާ ސިޓީ އަށެވެ. މިދެކުޅުންތެރިންގެ މިހާރުގެ ކުލަބުތަކަށް މޮޅު ކުޅުމެއް ދައްކައި އެކުލަބުތަކަށް ކާމިޔާބީ ހޯދައި ދިނުމުގައި އިސް ދައުރެއް އަދާ ކުރެއެވެ.