10 Dec 2018, 22:10
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް، މިވަގުތަށް ޕާޓީގެ އޮފީހާ ދުރަށް ދިޔުމަށް އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްލާމާއިލް (އިބްރާ) ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ ރައީސްގެ ގޮތުގައި މިވަގުތު ހުންނެވި ރައީސް ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލެއްވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނިންމަވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުކަން ކުރެއްވި، އިބްރާ ވިދާޅުވީ ވަރަށް ގިނަ ދުވަހު ޑީމަކްރަސީގެ ވާހަކަ ދެއްކެވިއްޖެ ކަމަށާއި މިއަދު އެކަން އަމަލީ ގޮތުން ދެއްކެވުމަށް އެ ދެ ބޭފުޅުން ޕާޓީގެ ޕްރައިމަރީ ނިމެންދެން ވަގުތީ ގޮތުން ޕާޓީ އޮފީހާ ދުރަށް ދިޔުމަށް ގޮވާލާ ކަަމަށެވެ.
"ލައްކަ ދުވަހު ޑިމަކްރަސީއޭ ކީއްޖެ. މިއަދު އެކަން އަމަލީ ގޮތުން ނަމޫނާ ދެއްކެވުމަށް ޓަކައި އަޅުގަނޑުމެންގެ ޕާޓީގެ ރައީސް މުހައްދު ނާޝީދާއި ޗެއާޕާސަން ހަސަން ލަތީފް، ޕްރައިމަރީގައި ވާދަ ކުރައްވާ ނަމަ އެކަން [ޕްރައިމަރީ] ނިމެންދެން ޕާޓީގެ އޮފީހުން ދުރަށް ވަޑައިގަތުމަށް ގޮވާލަން،" 2003 ވަނަ އަހަރު އެމްޑީީޕީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވި އިބްރާގެ ޓްވީޓްގައި ވިދާޅުވި އެވެ.
Lakka dhuvahu democracy ey ki ijje. Miadhu, amalee gothun namoonaa dhekkevumattakai, alhugan'dumenge party ge Raees aai Chairperson@MohamedNasheedaai@HassanLatheefprimary gai vaadha kuravvangnaa, ekan nimendhen Party ofeehun dhurah vadaigathumah govaalan.
— Ibra (@ibramandhu)December 10, 2018
އިބުރާ އެގޮތަށް ވިދާޅުވި އިރު، މިދިޔަ އަންގާރަ ދުވަހު ރައީސް ނަޝީދު ވަނީ އަންނަ މަޗު މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އަލަށް އުފެއްދެވި، މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އިއުލާން ކުރައްވައި، ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފަ އެވެ.
މިއަދު އެމަނިކުފާނުގެ ފަރާތްޕުޅުން ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފޯމް ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ.
އަދި މިދިޔަ ހޯމަ ދުވަހު ހަސަން ލަތީފު ވަނީ އަލަށް އުފެއްދެވ،ި ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އިއުލާން ކުރައްވައި ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފަ އެވެ.
އިބުރާ އެ ދެބޭފުޅުން ޕާޓީގެ މަސައްކަތްތަކުން ދުރަށް ޖެހުމަށް ގޮވާލެއްވި އިރު، އިބްރާ ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ފަހު ބަރުލަމަނީ ނިޒާމަކަށް ތާއިދުކޮށް ދެއްކި ވާހަކަތަކަށް ރައްދު ދީ ދެކޮޅު ހައްދަވައިފަ އެވެ.