10 Dec 2018, 17:25
ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް 43 އަހަރު ސަރުކާރުގައި ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރައްވައިފި އެވެ.
އިބްރާހިމް އިސްމާއިލް ރިޓަޔާ ކުރެއްވީ ފާއިތުވެދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ އަދާ ކުރައްވަމުން ގެންދެވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކްޓިވްގެ މަގާމެވެ.
އުމުރުން 69 އަހަރުގައި، ރިޓަޔާ ކުރެއްވި ނަމަވެސް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީގައި އޮންނަ ސްޕޯޓްސް ކައުންސިލްގައި އޭނާ މަސައްކަތް ކުރައްވާނެ އެވެ.
މަޖީދިއްޖާ ސްކޫލުގައި ތައުލީމް ހާސިލް ކުރެއްވި އިބްރާހިމް އިސްމާއިލް ވަނީ އޮސްޓްރޭލިއާގައި ތައުލީމީ ދާއިރާ އިން ހަޔަ ޑިޕްލޮމާ ހާސިލްކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެޑިއުކޭޝަން މެނޭޖްމަންޓް އިން އެމެރިކާގައި މާސްޓާސް ހައްދަވައިފަ އެވެ.
އޭނާ އެޑިޔުކޭޝަން މިނިސްޓްރީގެ ވަޒީފާ އަދާ ކުރައްވަން ފެއްޓެވީ، ޑރ. މުހައްމަދު ޒާހިރު ހުސެއިން އެޑިއުކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި އިރު 1989 ގަ އެވެ. އެފަހުން އިބްރާހިމް އިސްމާއިލް ހިދުމަތް ކުރައްވަމުން ގެންދެވީ އެ މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި ގިނަ މަގާމުތަކެއް އޭނާ ފުރުއްވާފައިވެ އެވެ.
އިބްރާހިމް އިސްމާއިލަކީ ކުޅިވަރުގެ ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ ރާއްޖޭގައި ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް ކުރައްވާފަ އެވެ. އޭގެ އިތުރުން ކްރިކެޓާއި ޓެނިހުގައި ވެސް، އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފަ އެވެ.
އޭނާ އަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.