01 Oct 2011, 12:46
ނޮވެމްބަރު މަހު ބާއްވާ 17 ވަނަ ސާކް ސަމިޓަށް ތައްޔާރު ވުމުގެ ގޮތުން ސ. ހިތަދޫ ސާފު ކުރުމުގެ ޕްރޮގްރާމެއް ހިތަދޫ މުހިއްބުއްދީނުގެ ދަރިވަރުންނާއި ޓީޗަރުން، މިއަދު ފަށައިފި އެވެ.
އެ ސްކޫލުގެ ލީޑިން ޓީޗަރު ސޮފްވާން ޝަފީގު ވިދާޅުވީ މިއަދު ހެނދުނު ފެށި ޕްރޮގްރާމަކީ ސާކް ސަމިޓަށް އެކި އެކި ގައުމުތަކުގެ ވެރިން، އައްޑޫ ސިޓީ އަށް ވަޑައިގަންނަވާއިރު ރަށުތެރެ ޒީނަތްތެރިކޮށް ބޭއްވުމަށް ފެށި މަސައްކަތެއް ކަމަށެވެ.
"ސާކްސަމިޓަށް މިސިޓީ އަށް ސާކުގެ ގައުމުތަކުގެ ރައީސުންނާއި ދުނިޔޭގެ މީޑީޔާތައް އަންނާނެ. ވީމާ އަޅުގަނޑުމެން ބޭނުންވަނީ އެ ބޭފުޅުން ވަޑައިގަންނަވަންދެން މިރަށް ރީތިކޮށް ބާއްވަން" ސޮފްވާން ވިދާޅުވިއެވެ.
ހަމައެކެނި މިއަދު ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ހިތަދޫގެ އެކި ހިސާބުތަކަށް ޖަމާވެފައި ހުރި ކުނިތަށް ނަގައި މަގުމަތީގައި ހެދިފައި ހުރި ވިނަތައް ނޮޅާ ސާފު ކުރުމާއި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލާނެ އެވެ.
މުހިއްބުއްދީން ސްކޫލުން ހިންގާ މި ޕްރަގްރާމަށް ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އާއްމުންގެ އިތުރުން ފުލުހުންގެ އެހީތެރިކަން ލިބެމުންދާ ކަމަށް ސޮފުއާން ވިދާޅުވި އެވެ.